ފުލުހުންގެ އިދާރާތައް އަޅަން ހަވާލުކުރި ކުންފުނިން "ބިގް"ގެ ޝެއަރގަނެ މާލޭގައި ދަނީ އިމާރާތެއް އަޅަމުން: އިހުސާން

ފުލުހުންގެ އިދާރާތައް އަޅަން ހަވާލުކުރި ކުންފުނިން "ބިގް"ގެ ޝެއަރގަނެ މާލޭގައި ދަނީ އިމާރާތެއް އަޅަމުން: އިހުސާން

ކުރީގެ ސަރުކާރުން 60 ރަށެއްގައި ފުލުހުންގެ އިދާރާތައް އަޅަން ހަވާލުކުރި ކުންފުނިން އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އާއިލީ މަސްލަހަތު އޮންނަ 'ބިގް' ކުންފުނީގެ ހިއްސާ ގަތުމަށްފަހު މާލޭގައި ގެއެއް އިމާރާތްކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗް މަހު ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު މިނިސްޓަރު އޭރު ވިދާޅުވެފައިވަނީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް ކުންފުނި ވީ ތަނެއް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް އަދި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާންޖެހޭ ގޮތެއް ވެސް އަދި ހޯދިފައި ނުވާ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާތައް އިމާރާތްކުރުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފެށިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ދެ އަހަރު ފަހުން 2021 ގައި މި މަޝްރޫއު ރޭވިފައިވަނީ ފުލުހުންގެ ހިދުމަތުގެ ދަށުން ހޯމް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއެކު މި މަޝްރޫއަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވި މަސައްކަތް ފެށުމަށް މަސައްކަތްކޮށްފައިވާކަން ލިޔެކިއުންތަކުން އެނގޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓްރީން އެ ކުންފުނި ހޯދި ހޯދުމުގައި ފާހަގަކުރެވުނީ އެ ކުންފުނިން ވަނީ ބިގް ކުންފުނީގެ ހިއްސާ ގަނެ، ގ. މޫނިމާގޭގައި އިމާރާތެއް ކުރަމުންދާ ކަމަށެވެ.

ބިގް ކުންފުނިން 2016 ވަނަ އަހަރު ބީއެމްއެލުން ނަގާފައިވާ 34.3 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކިގެން ގ. މޫނިމާގެ ވިއްކާލުމަށް މީގެ ދެ އަހަރު ކުރިން ސިވިލް ކޯޓުން ވަނީ ހުއްދަ ދީފައެވެ.

2018 ވަނަ އަހަރު ވަޒީރުކަމަށް އައްޔަންވުމަށްޓަކައި ފައްޔާޒް ވަނީ އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *