ޖަލުތަކުން ކުރާ ސްކޭމް ކޯލުތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑު ތަނުން މަދުކުރެވިފައި: އިހުސާން

ޖަލުތަކުން ކުރާ ސްކޭމް ކޯލުތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑު ތަނުން މަދުކުރެވިފައި: އިހުސާން

ޖަލުތަކުން ކުރާ ސްކޭމް ކޯލުތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑު ތަނުން މަދުކުރެވިފައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު މިހެން ވިދާޅުވީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޖަލުތަކުން ސްކޭމް ކޯލުތައް ކުރުމާއި އެފަދަ ހަރަކާތްތަކުގައި ގައިދީންގެ ބައިވެރިވުން އިންތިހާއަށް އިތުރުވެފައިވާ ކަން ފާހަގަކުރެވުނެވެ. މި މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތްތަކުގެ ދަށުން، އެފަދަ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު 19 ޖަލު އޮފިސަރަކު ވަޒީފާއިން ވަކިކޮށް، ގިނަ އަދަދެއްގެ މޯބައިލް ފޯނު ޖަލުތަކުން ވަނީ އަތުލައިގަނެވިފައެވެ.

މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ހޯދި މައްސަލައިގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކުރެވުނެވެ. މި އޮޕަރޭޝަނަށް ފަހު މައްސަލަ ވަނީ ކުރިއަށް ވުރެ ބޮޑަށް ކޮންޓްރޯލްކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި މައްސަލަ އެއްކޮށް ހުއްޓުވުމަކީ ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖަލުތަކުން ކުރާ ސްކޭމް ކޯލުތައް މުޅިން ހުއްޓުވުމަށްޓަކައި ޖިއޯ ފެންސިން ހަދައި، ޖަލުތަކުގައި ފޯނު ނުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ޖަލަށް ވަންނަ އޮފިސަރުން ޗެކްކުރުމަށް ވަގުތީ ގޮތުން މެޓަލް ޑިޓެކްޓަރެއް ހަރުކޮށް، ފުލްބޮޑީ ސްކޭން ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގައި ސްކޭމް ސެންޓަރެއް ގާއިމްކޮށް، ސްކޭމް ކޯލުތަކުން ގެއްލޭ ފައިސާ ހޯދުމުގެ މަސައްކަތް އަވަސްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މާފުށީ ޖަލުގެ ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ބައިވެރިވުން މި މައްސަލަތަކުގައި އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *