ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލުމުގެ ވިސްނުން ހުރިކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް އެވެ. މިހާރު ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި އެހެނިހެން ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން އަދާކުރަމުން އަންނަނީ ޕީސީބީންނެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް، މުއައްސަސާތައް ގިނަވެ، ޒިންމާ ނަގަންޖެހޭ ފަރާތް ކަނޑައެޅިގެން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭ ހިސާބަށް ކަންކަން ގޮސް، ޤާނޫނު ހެދުމުގެ މަޤްޞަދު ހާސިލްނުވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގައި ވެސް މި މައްސަލަ ދިމާވެފައިވާކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ކުންފުނިތަކުގެ ކޮރަޕްޝަނާއި އެހެނިހެން މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެކަންކަން ބެލޭނެ ގޮތެއް ވެސް ނެތެވެ. އެހެންކަމުން، މިފަދަ އިދާރާތައް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސަރުކާރުން ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ ކަންކަން ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮތްއިރު ކަންކަން މާ ރަނގަޅަށް ބެލެހެއްޓުނު ކަމަށް އޭނާ ޤަބޫލުކުރައްވައެވެ. އެހެންކަމުން، ކުންފުނިތަކަށް ޒިންމާވާނެ ފަރާތެއް ޔަޤީންކުރުމަށް ޤާނޫނަށް އިޞްލާޙެއް ގެންނަން ޖެހޭނަމަ، އެކަމެއް ވެސް ކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތައް ދަރަނީގައި ހިންގުމާއި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ އެތެރޭގެ ވައްކަންތަކާއި، ނުޙައްޤު މަންފާތައް ވަކި ބަޔަކަށް ހޯދައިދިނުމުގެ މައްސަލަތައް ހިމެނެއެވެ.
މި ގޮތުން އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ އެއް ކުންފުންޏަކީ ފެނަކައެވެ. ސަރުކާރުން މިހާރު ވަނީ ފެނަކަ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.