އެމްއެސްޕީއޭގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެސްޕީއޭގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
18 އޮކްޓޯބަރ 2024 06:58
0

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އެ ޖަމްޢިއްޔާގެ ފިލްމު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑްސް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ. އަދި އެވޯޑްސްއާ ގުޅިގެން ފިލްމު ފެސްޓިވަލެއް ވެސް ޑިސެމްބަރު 22 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި އެވޯޑްސްގައި ޖުމްލަ 29 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެކްޓަރު އަދި އެންމެ މޮޅު ބަތަލާ ފަދަ މުހިންމު ކެޓަގަރީތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ކުރީގެ މަޝްހޫރު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ލައިފްޓައިމް އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެވޯޑްސްގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދެއްކިފައިވާ ފީޗާ ފިލްމުތަކަށެވެ. މި އެވޯޑްސް ހަފްލާ ރާވައި ހިންގުމުގައި ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) ގެ އެހީތެރިކަން ލިބިގެންދާނެއެވެ.

އެމްއެސްޕީއޭއަކީ ރާއްޖޭގެ ނަންދެވިފައިވާ ފިލްމީ ތަރި، މުޙައްމަދު ރަޝީދު (ދަރާ) ގެ އިސްނެގުމުގެ ދަށުން ހިންގަމުންދާ ޖަމްޢިއްޔާއެކެވެ. މި އެވޯޑްސް މެދުވެރިކޮށް ދިވެހި ފިލްމީ ސިނާޢަތުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ފާހަގަކޮށް، އަގުވަޒަންކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.