ވިފާގު އިބްރާހިމް ޢަދުނާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ދައުރުވަމުންދާ ރިޕޯޓަކީ ސައްޙަ ނޫން ރިޕޯޓެއްކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އިން ބުނެފިއެވެ.
ގއ. މާމެންދޫ އަށް ނިސްބަތްވާ ވިފާގު މަރުވީ، މާލޭގެ އާބާދީ ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓިއެވެ.
ވިފާގުގެ މަރުގެ ހާދިސާއާ ގުޅޭކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ރިޕޯޓަކީ ފުލުހުންގެ ތަޙުޤީޤު ޓީމުން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.
މި ރިޕޯޓުތަކާ ގުޅިގެން، ފުލުހުންގެ އިދާރާއިން ވަނީ އެކި ސޯޝަލް މީޑިއާ މަންސަތަކުގައި ދައުރުވަމުންދާ، ވިފާގުގެ މަރުގެ މައްސަލައާ ގުޅޭކަމަށް ބުނާ ހާދިސާ ރިޕޯޓަކީ އޮރިޖިނަލް ލިޔުމެއް ނޫންކަން ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން، އެމްޕީއެސް އިން ބުނެފައިވަނީ މިއީ ކުރިއަށްދާ ތަޙުޤީޤެއް ކަމަށްވާތީ އިތުރު މަޢުލޫމާތެއް ހާމަ ކުރެވެން ނެތްކަމުގައެވެ.
އެމްޕީއެސް އިން އިތުރަށް ބުނެފައިވަނީ ދައުރުވަމުންދާ ރިޕޯޓާ ގުޅޭ އިތުރު ކަންކަން ބަލަމުންދާ ކަމަށާއި، އެއީ އޮރިޖިނަލް ރިޕޯޓެއް ނޫންކަން ކަށަވަރުކޮށްދޭ ކަމުގައެވެ.
25 އަހަރުގެ ވިފާގު، އޭނާ ދިރިއުޅުނު މާފަންނު ހަސޯވާގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނީން ވެއްޓި މަރުވީ އޯގަސްޓު 14 ވަނަ ދުވަހުގެ ހަވީރު 5:37 ހާއިރުއެވެ.
ވިފާގުގެ މަރުގެ މައްސަލަ އޮތޯރިޓީތަކަށް ރިޕޯޓުކުރެވުނީ އެ ދުވަހުގެ ހަވީރު 6:19 ގައެވެ. ޗެނަލް 13 އިން ވަނީ މި ހާދިސާއާ ގުޅިގެން ތަޙުޤީޤީ ވީޑިއޯ ރިޕޯޓެއް ނެރެފައެވެ.
މި ރިޕޯޓުގައި ތުހުމަތުކޮށްފައިވަނީ ވިފާގު އަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށާއި، އޭނާގެ ދޮންބައްޕަ ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ފަރާތުން އޭނާއަށް އަނިޔާ ލިބިފައިވާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ޗެނަލް 13އިން ކޮށްފައިވާ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ތަޙުޤީޤެއް ފަށާފައެވެ.
މި މައްސަލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން، އޮކްޓޯބަރު 13 ވަނަ ދުވަހު ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ ވިފާގުގެ މަރާ ގުޅޭ ހާދިސާއާ ބެހޭ ތަފްސީލީ މަޢުލޫމާތު ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ