ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

Author
ހުސައިން
16 އޮކްޓޯބަރ 2024 05:32
0

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލާއިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ތިން މަތީ ފަންތީގެ ހޮޓެލް ތަރައްޤީކުރުމަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު އެޗްޑީސީން ދީފައިވެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، އެހެން މޮޑެލްތަކަށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް މަޝްރޫޢު ހަވާލުކުރެވޭނެއެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ބިޒްނަސް މޮޑެލްއާއި އޮޕަރޭޓަރުގެ ތަޖުރިބާއަށް ބެލޭނެ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީއޯއައި ހުށަހަޅަންވާނެއެވެ. މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އީމެއިލް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ހޮޓާތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.