ވީއައިއޭގެ އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ މަރާމާތުކުރަން ޗައިނާގެ ބީޔޫސީޖީއާއި ހަވާލު ކޮށްފި

ވީއައިއޭގެ އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ މަރާމާތުކުރަން ޗައިނާގެ ބީޔޫސީޖީއާއި ހަވާލު ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ އަދި މިހާރުގެ ޓެކްސީވޭ މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ. މިއަދު އެއާޕޯޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރެވުނެވެ.

"ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ނަމުގައި ފެށޭ މި ޕްރޮޖެކްޓުގެ ދަށުން، 3،200 މީޓަރުގެ ދިގުމިނެއް ހުންނަ ރަންވޭ ޒަމާނީ ފެންވަރަކަށް ހަދައި، ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތް އަންނަ މަހު ފެށި، 2027 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުރީގެ ރަންވޭ އަދި މިހާރުގެ ޓެކްސީވޭ ހަދާފައިވަނީ 1976 ވަނަ އަހަރު ކަމަށާއި، އެއީ އެއާޕޯޓުގެ އެންމެ ގިނަ ދުވަސްވީ އިންފްރާސްޓްރަކްޗާ ކަމަށެވެ. 2022 ވަނަ އަހަރު އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު، ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުނެވެ. މި ބަދަލާއެކު، އެއާޕޯޓަށް މަތިންދާބޯޓު ޖައްސަން ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ކުރީގެ ރަންވޭ ބާވެފައިވާތީ، ކުއްލި ހާލަތެއްގައި މިހާރު ބޭނުންކުރާ ރަންވޭއަށް މައްސަލައެއް ދިމާވެއްޖެނަމަ، ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށާއި، އެކަމުގެ ސަބަބުން މުޅި އިޤްތިޞާދަށްވެސް ބޮޑު އަސަރެއް ކުރާނެތީ، ޓެކްސީވޭ އަލުން މަރާމާތުކުރުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ޓެކްސީވޭ އެއްކޮށް އާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިހާރު ބޭނުންކުރާ އާ ރަންވޭވެސް ހަދާފައިވަނީ ބީޔޫސީޖީ އިންކަމެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނެއްގެ ދަށުން އެޅި މި ރަންވޭގެ ދިގުމިނަކީ 3،400 މީޓަރު އަދި ފުޅާމިނަކީ 60 މީޓަރެވެ.

މި ރަންވޭއަށް އެންމެ ބޮޑެތި ބޯޓުތައް ކަމުގައިވާ އޭ380 މާރުކާގެ ބޯޓުތަކަށްވެސް ޖެއްސޭނެއެވެ. މި ޕްރޮޖެކްޓަށް 450 މިލިއަން ޑޮލަރު ހޭދަކުރެވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *