ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހަމަޖައްސައިފިއެވެ. މި މަޤާމަށް އައްޔަން ކޮށްފައިވަނީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ޔާނިޢު ކުރިން ވަނީ ހައުސިން މިނިސްޓްރީ އަދި އިސްލާމިކް ޔުނިވަރސިޓީގައިވެސް މަސައްކަތް ކުރައްވާފައެވެ.
މީގެ ކުރިން މިނިސްޓްރީގެ ޕީއެސްގެ މަޤާމުގައި ހުންނެވި ޝަމްއޫން ހަމީދުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗު މަހު ހަމަވުމާ ގުޅިގެން، އޭގެ ފަހުން މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިޔައީ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމެވެ. ނަމަވެސް، އާތިކާގެ އަމަލުތަކާމެދު ހިތްހަމަނުޖެހިގެން ސިވިލް ސަރވިސްގެ މުވައްޒަފުންތަކެއް ވަނީ ސީއެސްސީއަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
ޕެޓިޝަންގައި ބުނެފައިވަނީ، މިނިސްޓްރީގެ ބައެއް ވެރިން، ޚާއްޞަކޮށް އާތިކާ، މުވައްޒަފުންގެ ޙައްޤުތަކަށް ބެލުމެއްނެތި، އުސޫލުތަކުގެ ބޭރުން އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިޢާޔަތްކުރުމެއްނެތި ބުލީކުރުމުގެ އުސޫލުން ކަންކަން ކުރަމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެދި، ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުންބޮޅުންވެ، މަސައްކަތްކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށްވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ޕެޓިޝަން ހުށަހެޅުމުންވެސް ހައްލެއް ނުލިބި، ކަންތައްތައް އިތުރަށް ގޯސްވުމާ ގުޅިގެން، މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރުމަށް އެދިފައެވެ. ނަމަވެސް، މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވަނީ މައްސަލަ ހުރި ކަމަށް ބުނާ މުވައްޒަފަކީވެސް މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކޮށް އަދި ރަނގަޅަށް ކުރާ މުވައްޒަފެއް ކަމަށެވެ. އަދި އާތިކާގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށްވެސް އާދަމް ނަސީރު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ