ހައުސިން މިނިސްޓްރީގެ ކުރީގެ ދެ އިސްވެރިންގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިފިއެވެ. މި ދެ ފަރާތަކީ 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުރި ހަސަން ވަހީދެވެ.
އޭސީސީން ބުނި ގޮތުގައި މި ދެ ފަރާތުން މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވެއެވެ. މި މައްސަލާގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރި ފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރި ފަރާތްތަކަށެވެ.
އޭސީސީން ބުނާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާ ޚިލާފަށެވެ.
އަދި މި އުސޫލުގައިވާ ގޮތުން ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭ ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައި ނުވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން އިތުރަށް ބުނެފައިވަނީ މި ދެ ފަރާތުން މިގޮތަށް ޢަމަލުކޮށްފައިވަނީ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށާއި، އެ ޢަމަލުގެ ސަބަބުން އެ ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދެވިފައިވާކަން ތަޙުޤީޤަށް ހޯދި ހެކި ޤަރީނާތަކުން އެނގޭ ކަމަށެވެ. މި ދެ ފަރާތް މި މަޤާމުތަކުގައި ތިބީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.