އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ލުބުނާނުގެ ތިން ސިޓީއަކުން މަދުވެގެން 15 މީހުން މަރުވެއްޖެކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.
ލުބުނާނުގެ އުތުރުގައި އޮންނަ މައިސްރާގައި ދިން ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެފައިވާއިރު، ޑެއިރް ބިލާގައި ދިން އަނެއް ހަމަލާގައި ދެ މީހުން މަރުވެފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ބޭރޫތުން 20 މޭލު ދެކުނުގައި އޮންނަ ބަރްޖާގައި ހަތަރު މީހުން މަރުވެފައިވެއެވެ.
އިސްރާއީލީ ސިފައިން ސީއެންއެންއަށް ބުނެފައިވަނީ އެ ސަރަހައްދުތަކަށް ހޮނިހިރު ދުވަހު އެއްވެސް ހަމަލާއެއް ދިންކަން އެނގިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ސީއެންއެން އިން ވަނީ އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އާ އެ ރަށްތަކުގެ ވަށައިގެން ހަމަލާތަކެއް ދިންތޯ ސުވާލުކޮށްފައެވެ.
ލުބުނާނުގެ ސަރުކާރުގެ ނޫސް އޭޖެންސީ އެންއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލީ ހަމަލާތައް ވަނީ ދެކުނު ލުބުނާނުގެ ނަބަތިއްޔާ އަދި ބެކާ ސަރަހައްދުގެ އުތުރާއި މެދު ހިސާބުތަކަށްވެސް އަމާޒުކޮށްފައެވެ. މީގެ ކުރިން ނަބަތިއްޔާ އަދި ބެކާއަށް އިސްރާއީލުން ވަނީ ހަމަލާދީ، އެއީ ހިޒްބުއްލާގެ އަމާޒުތައް ނައްތާލުމަށް ކަމަށް ބުނެފައެވެ.
ލުބުނާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި ބެކާ ގަވަރނޮރޭޓްގައި ހުރި ޓެލް ޗިހާ ހޮސްޕިޓަލަށް ބައެއް ގެއްލުންތައް ވެފައިވާއިރު، ނަބަތިއްޔާގައި ހުރި މާރުކޭޓަކަށް ހަމަލާ ދީފައިވެއެވެ. ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ނަބަތިއްޔާގައި މަދުވެގެން އަށް މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބުނާނު ރެޑް ކްރެސެންޓުން ބުނެފައިވަނީ ނަބަތިއްޔާގައި ހޯދާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގަދަ އަލިފާނުގެ ސަބަބުން އަޅުގަނޑުމެންނަށް ހަމަލާ ދެވިފައިވާ ސަރަޙައްދަށް ވަދެވެން ނެތް" އެ ޖަމްޢިއްޔާއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ލުބުނާނުގެ ސަރުކާރުގެ މީޑިއާއިން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި ބެކާގެ މެދުތެރޭގައި އޮންނަ ރައާޤަށްވެސް ހަމަލާ ދީފައިވެއެވެ. މިއީ ލުބުނާނުގެ އަސްކަރީ ބޭސްއަކާއި އަސްކަރީ ވައިގެ ބަނދަރެއް ހުންނަ ތަނެކެވެ. އެންއެންއޭއިން ބުނާ ގޮތުގައި ބެކާގައި ހުރި ގެތަކާއި، ވިޔަފާރި ތަންތަނާއި، ޔުނިވަރސިޓީއަކާއި ހޮސްޕިޓަލުތަކަށް ގެއްލުން ވެފައިވެއެވެ.
ކޮމެންޓު ފޮނުވާ