ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓާއި ގޯތި އޭގެ ޙައްޤުވެރިންނަށް ލިބޭނެ ކަމަށް އަދި މިކަމުގެ ތެރެއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތްނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބައެއް މަޖިލިސް މެންބަރުންނަށް، ކޮންމެ މެންބަރަކު ބޭނުންވާ 20 މީހެއްގެ ނަން ފޮނުވުމަށް ރައީސް މުޢިއްޒު އެންގެވި ކަމަށް ބުނާ ޚަބަރަކާ ގުޅިގެންނެވެ.
އެ ޚަބަރު ދޮގުކޮށް ފަލާހު ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ގޯއްޗާއި ފްލެޓްގެ ކަންކަމުގެ ތެރެއަށް އަތްނުބާނުއްވާނެ ކަމުގައެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޯއްޗާއި ފްލެޓް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރައްވާނެ ކަމަށާއި، ޕީއެންސީގެ އެއްވެސް މަޖިލިސް މެންބަރަކު ގޯހެއް ނުހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން "ބިންވެރިޔާ" ސްކީމުގެ ދަށުން 9,000 އަށް ވުރެ ގިނަ ގޯތި ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވެއެވެ. "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ޙަވާލުކޮށްގެން ހުޅުމާލޭގައި 4,000 އެޕާޓްމަންޓް އިމާރާތްކުރަމުން ދިޔައެވެ.
ނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަޙުޤީޤެއް ހިންގާފައިވެއެވެ.
އޭސީސީން ބުނެފައިވަނީ ކުރީ ސަރުކާރުން ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. މިހާރުގެ ސަރުކާރުން ވަނީ އައު ފްލެޓް ކޮމިޓީއެއް އެކުލަވާލައި، އެ ލިސްޓު މުރާޖަޢާ ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކޮމެންޓު ފޮނުވާ