މޯލްޑިވް ގޭސްގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވަނީ ކުންފުނީގެ މުހިންމު އަމާޒުތަކާއި ކުރިމަގުގެ ޕްލޭންތަކެއް ހާމަކުރައްވާފައެވެ.
އޭގެ ތެރޭގައި އެއަރ ކޮންޑިޝަނަރުތަކަށާއި މަރާމާތުކުރުމަށް ބޭނުންވާ ގޭސް ބާވަތްތައް ބަލްކުކޮށް ރާއްޖެ އެތެރެކޮށް، ވިޔަފާރިވެރިންނަށް އަތްފޯރާ އަގެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، ކައްކާ ގޭހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ގޭސް ރައްކާކުރެވޭ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން، އަންނަ އަހަރުގެ މެދަކާ ހިސާބަށް 5 މަސްދުވަހުގެ ބޭނުމަށް ފުދޭވަރަށް ގޭސް ރައްކާކުރެވޭނެ ކަމަށް އޭނާ އުންމީދުކުރައްވައެވެ.
ނަމަވެސް، ކުންފުނީގެ ހިންގުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އޮފީސް ޖާގައިގެ ދަތިކަން ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ހުޅުމާލެއިން ބިމެއް ހޯދައި، އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި މި އައު އޮފީސް ބޭނުންކުރަން ފެށޭނެ ކަމަށް އަބްދުﷲ މުހައްމަދު އުންމީދުކުރައްވައެވެ.
އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި 1999 ގެ އޮކްޓޯބަރު 3 ވަނަ ދުވަހު އުފެދުނު މޯލްޑިވް ގޭސް، ފުރަތަމަ ފެށީ ހަމައެކަނި ކައްކާ ގޭހުގެ ޚިދުމަތެވެ. ނަމަވެސް، ފާއިތުވި 25 އަހަރުގެ ތެރޭގައި ކުންފުނީގެ ޚިދުމަތްތައް ވަނީ ފުޅާވެ، ގިނަގުނަ ދާއިރާތަކަކަށް ފެތުރިފައެވެ.
މި ކުރިއެރުމާއެކު، ކުންފުނިން ވަނީ ރާއްޖޭގެ ގޭސް ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް ވެފައެވެ.