ފުލުހުން ފެނުމާއެކު އަތުގައި އޮތް މަސްތުވާތަކެތި އުކާލި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ މ. ރުވާގޭ މުޙައްމަދު ޝަރީފެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގައެވެ.
ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވެއެވެ. ބަންދު އަމުރުގައިވާ ގޮތުން، ޝަރީފު ހުރި ސަރަހައްދުން މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް، އޭނާ ބުނެފައިވަނީ އެވަގުތު އެތަނުގައި އެހެން މީހަކުވެސް ހުރި ކަމަށާއި، ފެނުނު އެއްޗަކީ އެ މީހާގެ އެއްޗެއް ކަމަށް ވެސް ވެދާނެ ކަމަށެވެ. އަދި އޭނާ އެތަނުގައި ތިރިވެފައި ހުރީ ނޭފަތުގައި ހުރި "ބަޓަރު" ފޮޅަން ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ކޯޓުގައި މަޢުލޫމާތު ދިންގޮތުގައި، ޝަރީފު ހުރި ސަރަހައްދުންނާއި، އެތަނުގައި ހުރި ސައިކަލެއްގެ ޕޮކެޓުން ފެނުނު ތައްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އެހެންނަމަވެސް، ފެނުނު މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް ނުފެތޭ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޝަރީފުގެ ކުޑަކަމުދާ ތަކެތިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކާފައިނުވާތީ، އެކަން ހަމަޖެއްސުމަށް ކޯޓުން އަންގާފައިވެއެވެ. މީގެއިތުރުން، މިއީ މިފަދަ ކުށުގެ ރެކޯޑު ގިނަ މީހެއްކަންވެސް ފާހަގަކުރެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ