ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2020 08:07
0

މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މީގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭން ބުނެއެވެ. ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު މިހަފްލާގައި ބައިވެރިވެފައި ވާކަން އެނގިފައި ވާކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެޗްޕީއޭއިން ގެންދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރުވަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ކުރަމުންގެންދާކަމަށް އެ އެޖެންސީން ބުނެއެވެ.

"މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެކެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ދަންނަވަމެވެ."

– އެޗްޕީއޭ

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.

ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހަފްލާތަކުގައި ބައިވެރިވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ފޯރުކޮށްދިނުމާއި، ކެއުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތަށް އިންތިޒާމުތައް ބެހެއްޓުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.