ލުބުނާނަށް ދިން އިސްރާއީލުގެ އަސްކަރިއްޔާއިން ދިން އަސްކަރީ ވަރުގަދަ ހަމަލާތަކުގައި ހުޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދު ކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުގެ ސިފައިންގެ ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ހަވީރު ބެއިރޫތުގެ މީހުން ގިނަ ސަރަހައްދެއްގައި ހިންގި ބޮޑު ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވަނީ ޝަހީދު ކޮށްލާފައެވެ. މިކަމާ ގުޅޭގޮތުން ލެބަނަންގެ އެ ޖަމާޢަތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
ހަސަން ނަސްރުﷲއަކީ ދިގު ޒަމާންތަކެއް ވަންދެން ހިޒްބުﷲ ޖަމާއަތުގެ ލީޑަރުގެ މަގާމް ފުރުއްވަމުން ގެންދަވާ ފަރާތެވެ. އެ ޖަމާއަތް އުފެދިގެން އައީ 1980 ގެ އަހަރުތަކުގެ ތެރޭގައި އިސްރާއީލުން ލުބުނާނުގެ ބިންތަކަށް އަރާ އެބިންތައް އިސްތިއުމާރު ކުރުމާއެކުއެވެ. އެއަށްފަހު، މައިގަޑު ގޮތެއްގަައި ޝީއީންނަށް ނިސްބަތްވާ ހިޒްބުﷲ ޖަމާއަތަކީ އިރާނުން އަސްކަރި އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމާއަތެކެވެ.
އަދި އެޖަމާއަތް ފާއިތުވި ޒަމާންތަކުގައި ހިމެނިގެން ދިޔައީ، ދުނިޔޭގައިވެސް ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ އަސްކަރީގޮތުން އެންމެ ބާރުގަދަ ޖަމާއަތުގެ ގޮތުގައެވެ.
ހިޒްބުﷲ ޖަމާއަތަކީ ލުބުނާނުގައި ހަރަކާތްތެރި ވަމުން އަންނަ ހަގުރާމަވެރި ޖަމާއަތެކެވެ. އަދި 1992 ވަނަ އަހަރުންފެށިގެން މިޖަމާއަތުގެ ވެރިއަކަށް ހުންނަވަމުން ދަނީ އެޖަމާއަތުގެ ސެކެޓްރީ ޖެނެރަލެއްގެ ހައިސިއްޔަތުން ހަސަން ނަސްރުﷲ އެވެ.
ހިޒްބުﷲ ހަމާއަތުގެ އަސްކަރީ ގާބިލްކަން ވަނީ 2006ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތުން އެ ޖަމާއަތުގެ އަސްކަރީ ބާރު ލުބުނާނުގެ އަސްކަރިއްޔާއަށްވުރެ ފަހަކަށް އައިސްވަނީ ވަރުގަދަ ވެގެން ގޮސްފައެވެ. އަދި ހިޒުބުﷲ ހަމާއަތުގެ ބާރު ލުބުނާނުގައި ގަދަވެ، އެ ޖަމާއަތަށް ނިސްބަތްވާ ވަޒީރުން ލުބުނާނުގައި ކެބިނެޓްގައިވެސް ހިމެނިގެން ގޮސްފައިވެއެެވެ.
އަދި މިޖަމާއަތުން ރޭޑިއޯ ސްޓޭޝަނަކާއި އަމިއްލަ ޓީވީ ސްޓޭޝަނެއް ހިންގާ، އިޖުތިމާޢީ އެތައް ޚިދުމަތެއް ފޯރު ކޮށްދިނުމުގެ އިތުރުން މިޖަމާއަތުގެ ހަގުރާމަވެރިން ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރި ވަމުންދެއެވެ.
ހިޒްބުﷲ ޖަމާއަތަކި އިރާނުން އެހީތެރި ވެދެމުންދާ ޖަމާއަތެކެވެ.