ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްވެރިން އެއްފަހަރާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
މި މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މަޢުލޫމާތު ދިން ގޮތުގައި މި މުޒާހަރާގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގެ މަސްވެރިންވެސް އެއްފަހަރާ ބައިވެރިވާނެއެވެ. އަންނަ ހަފްތާގައި މުޒާހާރާ ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، މުޒާހަރާ ބާއްވާނެ ސީދާ ދުވަހެއް އަދި ކަނޑަނާޅާކަމަށް މަސްވެރިން ބުނެއެވެ.
ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައި އުތުރުގެ މަސްވެރިން ށ. ކީކިމިނި، މެދުރާއްޖެތެރޭގެ މަސްވެރިން ފެލިވަރު އަދި ދެކުނުގެ މަސްވެރިން ކޫއްޑޫގައެވެ.
މިކަން އިންތިޒާމްކުރާ މަސްވެރިން ބުނީ މުޒާހަރާއަށް ނުކުންނަން މަޖުބޫރުވީ މަސްވެރިންގެ ހާލަތު ގޯހުން ގޯހަށް ގޮސް މަސްވެރިން ބިކަވެ ނިކަމެތިވުމުގެ ސަބަބުން އެމީހުންގެ ހައްގު ހޯދުމަށެވެ. މި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ ކޫއްޑުއާއި ފެލިވަރުގެ އިތުރުން ށ. ކީމިމިނީގައި ކަމަށް މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން ކެޔޮޅު ބުންޏެވެ.
"އަޅުގަނޑުމެން ފެލިވަރުގައި އަޑު އުފުލައިފިން، އިހަވަންދޫގައި އަޑު އުފުލައިފިން، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ އަޑު އަހާތޯ ބެލިއްޖެ، އަޑެއް ނޭހި. ދެން ޖެހޭނީ އަޑު އިއްވަން."
– މަސްވެރިން
މަސްވެރިން ބުނީ ސަރުކާރުން މަސްވެރިންގެ އަޑު އަހާތޯ ފުރަތަމަ އަޑު އުފުލަނީ ކަނޑުމަތިން ކަމަށެވެ. އަދި ކަނޑުމަތިން އުފުލާ އަޑު ސަރުކާރަށް ނީވެއްޖެ ނަމަ މަގުމަތިންވެސް އަޑު އުފުލަން މަޖުބޫރު ވާނެ ކަމަށާއި، ދުރުގައި ތިބެގެން އުފުލާ އަޑު ނީވޭނަމަ އަޑު އިވޭ ހިސާބުން އަޑު އުފުލަންވެސް މަސްވެރިން ތައްޔާރަށް ތިބިކަމަށް ޚަބަރު އޮންލައިނާ ވާހަކަދެއްކި މަސްވެރިން ވަނީ ބުނެފައެވެ.
"މިއީ ސިޔާސީ މުޒާހަރާއެއް ނޫން. މިއީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއެއް ނޫން. މިއީ މަސްވެރިން ބިކަވެ ނިކަމެތިވާތީ މަސްވެރިންނާއި، މަސްވެރި އާއިލާތަކުގެ ހައްޤުގައި، ޝުޢޫރު ފާޅުކުރުމަށް ބާއްވާ ސުލްހަވެރި އިހުތިޖާޖެއް."
– މަސްވެރިން
މަސްވެރިން ދާދިފަހުން ވަނީ ފެލިވަރުގައި މުޒާހަރާއެއް ކޮށްފައެވެ. އެމުޒާހަރާގައި މައިގަނޑު ހަތަރު ކަމަކަށް ސަރުކާރުގެ ފަރާތުން މަސްވެރިން އެދިފައިވެއެވެ. އެއީ، ބާނާ ފަސޭހައިން ކިރޭނެ އިންތިޒާމް ހަމަޖެއްސުމާއި، ށ. ކީކިމިނިން މަސް ގަންނަމުން ނުދާތީ އެރަށް އޮޕަރޭޝަނަށް ގެނެސްދިނުމާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމާއި އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.
މުޅި ރާއްޖޭގައި ކުރާ މުޒާހަރާވެސް މަސްވެރިންގެ މައިގަނޑު ޑިމާންޑަކީ ފެލިވަރުގެ މުޒާހަރާގައިވެސް ކޮށްފައިވާ ޑިމާންޑުތައްކަމަށް މަސްވެރިން ބުނެއެވެ.
މީގެ އިތުރުން އިހަވަންދޫ ބަނދަރުގައި ވެސް އެރަށުގެ މަސްވެރިން ދާދިފަހުން ވަނީ މުޒާހަރާކޮށް އަޑު އުފުލާފައެވެ. އެ މުޒާހަރާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ ހުރިހާ މަސްވެރިން އެކުގައި މުޒާހަރާއަކަށް ނުކުމެއްޖެނަމަ، ދައުލަތަށް ފޫނުބެދޭވަރުގެ ގެއްލުން ވެދާނެ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ނުދަނީސް މަސްވެރިންގެ ޝަކުވާތަށް އަޑުއެހުމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކައުންސިލަރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި މުޒާހަރާގައި ދޮށީގެ މަސްވެރިކަން ކުރާ ގިނަ މަސްވެރިން ބައިވެރިވުމަށް ތައްޔާރުވަމުންދާއިރު، ދާދިފަހުން އުފެއްދި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވެސް މި މުޒާހަރާއަށް އެއްބާރުލުން ދޭނެކަމަށް ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ