ކުރިޔަށް އޮތީ ސްކޫލް ޗުއްޓީ، މެޓް އޮފީހުން ބުނަނީ ކުރިޔަށް އޮތް ހަފްތާފައި މޫސުން ރަގަޅުވާނެ ކަމަށް

ކުރިޔަށް އޮތީ ސްކޫލް ޗުއްޓީ، މެޓް އޮފީހުން ބުނަނީ ކުރިޔަށް އޮތް ހަފްތާފައި މޫސުން ރަގަޅުވާނެ ކަމަށް

Author
ޙަސަން މުޙައްމަދު
26 ސެޕްޓެމްބަރ 2024 11:03
0

މާދަމާއިން ފެށިގެން ސްކޫލްތައް މިޑް-ޓާމް ބްރޭކަށް ބަންދުވާއިރު، ގިނަ ބަޔަކު ޗުއްޓީއަށް ދިއުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް ހަފްތާގައި މޫސުން ރީތިވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

ފާއިތުވި ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރަމުން ދިޔައެވެ. ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ވައިގަދަވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، އިއްޔެއާއި މިއަދުވެސް މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވެއެވެ.

ނަމަވެސް، މެޓް އޮފީހުގެ އޮފިޝަލަކު 'ދައުރު’އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ މެންދުރުފަހުން ފެށިގެން މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެއެވެ. އަދި ކުރިއަށް އޮތީ މޫސުން ރީތި ދުވަސްތަކެއް ކަމަށާއި، ވިއްސާރަ އަލިވުމާއެކު ވައި މަޑުވެ ކަނޑުތައްވެސް ވަރަށް މަޑުވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ފަހަކަށް އައިސް، ރާއްޖެއަށް ވިއްސާރަ ކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ކަމަށް ސަމާލުވެ، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. ޚާއްޞަކޮށް، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވެ، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.