ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އާދަކާދަތަކުގެ މައްޗަށް ކަމަށާއި، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނިމިދިޔަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ސައުދީން ދެއްވި އެހީތެރިކަމާއި މެހުމާންދާރީއަކީ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ތާރީޚާއި ތަރިކަ އަދި އެ ޤައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމެންޓަރީއެއްވެސް ދެއްކިއެވެ.
ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނާއި ވަލީޢަހުދަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
މި ރަސްމިއްޔާތަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން އިތުރަށް ފާހަގަކޮށް، ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މުހިންމު ހަފްލާއެކެވެ.