ނުރައްކާތެރިކޮށް ދުއްވާ އެއްގަމުން އުޅަނދުތައް 30 ދުވަހަށް ހިފަހެއްޓޭގޮތަށް އުސޫލު އިސްލާހު ކޮށްފި

ނުރައްކާތެރިކޮށް ދުއްވާ އެއްގަމުން އުޅަނދުތައް 30 ދުވަހަށް ހިފަހެއްޓޭގޮތަށް އުސޫލު އިސްލާހު ކޮށްފި

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓޭގޮތަށް އެއްގަމު އުޅަނދުތައް ދޫކުރުމާ ގުޅޭ އުސޫލުގައި ހަމަޖައްސާފައިވެއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓޭޝަނުން އިޢުލާންކޮށްފައިވާ އައު އުސޫލުތަކުގެ ދަށުން، ތަފާތު ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވެއެވެ.

މިގޮތުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށްވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ހަމަވުމުންނެވެ.

މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙްޤީޤު ނިމުމަށްފަހު ހަތް ދުވަހުގެ ތެރޭގައެވެ.

މި އައު އުސޫލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *