އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއިން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ބޮޑު ލޯނުގެ އަނެއް ބައި ވެސް ދެއްކުން އިތުރު އަހަރަކަށް ފަސްކޮށްދީފިއެވެ. މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ވެސް ދެއްކުން ފަސްކުރުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާ ސަރުކާރުން ވަނީ އެކަމަށް އިޖާބަދީފައެވެ.
2019 ވަނަ އަހަރު ސޯލިހްގެ ސަރުކާރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ މި ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ އެސްބީއައި އަށް ޓްރެޝަރީ ބިލު ވިއްކައިގެން ހޯދާފައިވާ ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމުނުއިރު މި ލޯނުން އެއްވެސް މިންވަރެއް ދައްކާފައި ނުވާތީ، މިހާރުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ދައްކާފައެވެ.
ކުރިން ފަސްކޮށްދީފައިވާ 50 މިލިއަން ޑޮލަރުގެ އިތުރުން މި މަހު ދައްކަން ޖެހޭ އަނެއް 50 މިލިއަން ޑޮލަރު ވެސް އިތުރު އަހަރަކަށް ފަސްކޮށްދީފައިވާކަން އިންޑިއާ އެމްބަސީން ނެރުނު ބަޔާނަކުން އެނގެއެވެ. މިހާރު މި ފައިސާ ދައްކަން ޖެހޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ކުރިންނެވެ. މި ލޯނުތަކަށް އަރާ އިންޓަރެސްޓް ރޭޓް ދައްކަމުން އަންނަނީ އިންޑިއާ ސަރުކާރުންނެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިއީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދީލަތި އެހީތެރިކަމެއް ކަމަށާއި، މިފަދަ އެހީތެރިކަމެއް ލިބިގެން މިދިޔައީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. މިއީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ޒަމާނުއްސުރެ ދެމުންގެންދާ އަހައްމިއްޔަތުކަން އަލުން ހާމަކޮށްދޭ ކަމެއް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.