ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ފަންނުވެރީންނަށް ޚާއްސް ސްކީމެއް ހުޅުވާލަނީ

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ފަންނުވެރީންނަށް ޚާއްސް ސްކީމެއް ހުޅުވާލަނީ

Author
ހުސައިން
18 ސެޕްޓެމްބަރ 2024 04:30
0

ދިވެހި ސަރުކާރުން ފަންނުވެރި އިޤްތިޞާދު ކުރިއެރުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ޚާއްޞަ ސްކީމެއް ތަޢާރަފުކޮށް، އަންނަ މަހު އެ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވެއެވެ.

މި މަޝްރޫޢު ރަސްމީކޮށް ފެށިގެން ދިޔައީ ދަރުބާރުގޭގައި ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހީންގެ ފަންނުވެރި އިޤްތިޞާދުގެ ސްޓްރެޓެޖީ އަދި ފަންޑު އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ.

ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ)ގެ ބެލުމުގެ ދަށުން ހިންގޭ މި ފަންޑުގެ ދަށުން ތަޢާރަފުކުރެވުނު އައު ސްކީމަކީ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމެކެވެ. މި ސްކީމުގެ މަޤްޞަދަކީ އީޖާދީ އަދި ފަންނުވެރި މަސައްކަތްތެރިންގެ ތެރެއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ބޮޑު، އުފެއްދުންތެރި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއަހަރު މި ސްކީމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ ފިލްމު އުފެއްދުމާއި، މިއުޒިކް އުފެއްދުމާއި، އާޓް އެންޑް ކްރާފްޓްގެ މަސައްކަތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ ކޮންޓެންޓް ކްރިއޭޓަރުންގެ މަސައްކަތްތަކާއި މަޝްރޫޢުތަކަށެވެ.

ބީސީސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ސްކީމުގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި ސްކީމުގެ ދަށުން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ހޯދުމަށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ފަންނުވެރި އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.