ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ މުހިންމު މުއައްސަސާއެއް ކަމަށާއި ބޭންކުގެ އިތުބާރު ގެއްލުވާލައިގެން ނުވާނެ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ސާލިހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށާއި، ސަރުކާރުން ވެސް އެ ބޭންކަށް އޮތް އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އިބޫ ވިދާޅުވީ ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލުމަކީ މުޅި މުޖުތަމަޢުއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، އެއީ ރައްޔިތުންގެ ބޭންކެއް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެކެވެ. އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެކެވެ. ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ބީއެމްއެލްއަށް ކުރާ…
— Ibrahim Mohamed Solih (@ibusolih) September 18, 2024
ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ބޭނުން ނުކުރެވޭގޮތަށް ނިންމި ނިންމުމާ ގުޅިގެން ބޭންކުގެ މި ނިންމުމާމެދު މިސަރުކާރުގެ އިސް ފަރާތްތަކުން ހިންހަމަ ނުޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާއާ ގުޅިގެން ސިޔާސީ ބަޔަކު ސަރުކާރު ބަދަލުކުރަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވި، ފުލުހުން ތަޙްޤީޤެއް ފަށާފައިވެއެވެ. މީގެއިތުރުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ސީއީއޯ ކާލް ވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ކަންކަމާ އެކުގައި، ސަރުކާރުން ވަނީ ކުންފުނިތަކުގެ ބޯޑަށް މެނޭޖިންގ ޑިރެކްޓަރުންނާއި ޑިރެކްޓަރުން އައްޔަންކުރުމުގެ މުއްދަތު ކުރުކުރުމަށް ކުންފުނިތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސްފައެވެ.
އަދި ބީއެމްއެލްގެ ޗެއަރމަންގެ މަޤާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަޙްމަދު ޢަލީ ޙަބީބު އައްޔަންކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހަޅާފައިވެއެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގގައި ސަރުކާރުން ހުށަހަޅާފައިވާ އައު ޑިރެކްޓަރުން ބޯޑަށް އައްޔަންކުރެވޭނެ ކަމަށް ބެލެވެއެވެ.