ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރުވެސް ވީޗެޓް ޕޭ މެދުވެރިކޮށް ރާއްޖޭގައި އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ހުޅުވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންނަށް ލިބުނު ފަސޭހައެއްގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމުގައި ސައީދު ވިދާޅުވިއެވެ. އަދި ލޯކަލް ކަރަންސީ އެރޭންޖްމަންޓުގެ ސަބަބުން ޗައިނާއިން އަންނަ ފަތުރުވެރިންނަށް ޗައިނީސް ޔުއާން ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޗައިނާއިން އެކްސްޕޯޓްކުރާ ހުރިހާ ކަނޑުގެ ބާވަތްތަކެއް %0 ޑިއުޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކަނޑުގެ ބާވަތްތައް ހެޔޮ އަގުގައި އިމްޕޯޓްކޮށް، އޭގެ އަގު އިތުރުކުރުމަށްފަހު އަލުން ރީއެކްސްޕޯޓް ކުރުމަށް ފަސޭހަ މަގެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.