20 އަހަރަށް އަމާޒުކޮށް އެކުލަވާލާ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ފެށުމަށް ނިންމަވައިފި

20 އަހަރަށް އަމާޒުކޮށް އެކުލަވާލާ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ފެށުމަށް ނިންމަވައިފި

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުންނެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޤައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ޕްލޭން ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕޭން ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްޤީގެ ވަޢުދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *