ބޭންކު އޮފް މޯލްޑިވްސްގައި ދިވެހިންގެ ކޮންޓްރޯލެއް ނެތި ދާނަމަ، ކުރިން ދިމާވި ހާލަތަށްވުރެ ސީރިއަސް ހާލަތު އަތުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވެއްޖެއެވެ.
އަދި ނާޒިމްވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް މަޤާމުތަކަށް ދިވެހިން އައްޔަންކުރުމަށް ގޮވާލައްވާފައެވެ. ނާޒިމް މިކަމަށް ގޮވާ؛ާފައިވަނީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި، ކުންފުނިތަކުގެ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ ހިއްސާދާރުންގެ ޚާއްޞަ އާންމު ޖަލްސާއަށް ނޯޓިސް ދިނުމުގެ މުއްދަތު 21 ދުވަހުން 3 ދުވަހަށް ކުރުކުރުމެވެ. ނާޒިމް ވިދާޅުވިގޮތުގައި މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ ބީއެމްއެލްގައި ފަހަކަށްއައިސް ހިނގާފައިވާ ހާދިސާތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލްގެ ކާޑުތަކާ ގުޅޭ މައްސަލަތައް ދިމާވިއިރު، ބޭންކުގެ އެންމެ އިސް މަޤާމުތަކުގައި ތިބި ބައެއް ބޭފުޅުން ރާއްޖޭގައި ނެތްކަން ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެ ތެރޭގައި އޮޕަރޭޝަންސް ޑިރެކްޓަރ، ކްރެޑިޓް ކޮންޓްރޯލް މެނޭޖަރ، އަދި ރިސްކު މެނޭޖަރ ހިމެނެއެވެ. މި މަޤާމުތަކުގައި ތިބެނީ ބިދޭސީން ކަމަށާއި، އެ ފަރާތްތަކަށް މަހަކު 15,000 ޑޮލަރުގެ މުސާރަ ދެވޭކަމަށް ނާޒިމް ވިދާޅުވިއެވެ.
މި މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ބޭންކު އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށްވަންޏާ އެދުވަހު ދިމާވި ކަންތަކަށްވުރެ ސީރިއަސް ކަންކަން ކުރިމަތިވެދާނެ.
ނާޒިމް ވިދާޅުވި އެވެ.
މި މަޤާމުތަކަށް ދިވެހިން އައްޔަންކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ގޮވާލެއްވިއެވެ. އަދި ބޭންކުގެ ހިންގުމުގައި ދިވެހިންގެ ބައިވެރިވުން މުހިންމުކަމަށާއި، އެހެންނޫނީ ކުރިމަގުގައި މާ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަޤާމު ހުސްވުމުން، އެ މަޤާމުތަކަށް މީހުން އައްޔަންކުރުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިދީފައިވާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރުކުރުމަށްވެސް މި އިޞްލާޙުގައި ހުށަހަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ