ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތް މަޑުޖައްސާލައިފިއެވެ. މިގޮތަށް ނިންމީ ހައި ކޯޓުގެ ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެފައި އޮތުމާއި، ޝަރީޢަތުގެ ކުރިން ހުށަހެޅުނު ކަންކަމުގައި ފުށުއެރުންތަކެއް ހުރުމާ ގުޅިގެންނެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޔާމީންގެ ދިފާޢީ ހެކިންގެ ބަޔާންތައް ނަފީކުރުމަށް ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި ނިންމުމެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ނަމަވެސް، އަޑުއެހުންތައް އަދި ނުފަށައެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީޢަތް ކުރިއަށް ގެންދިއުމާމެދު ޔާމީންގެ ފަރާތުން އިއުތިރާޟުކުރެއްވިއެވެ. ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި، އިއުތިރާޟުކުރެއްވި މައިގަނޑު ސަބަބުތަކަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެ ހުށަހެޅުންތަކެއް ހިމެނިފައިވުމާއި، ތަޙުޤީޤުގެ އިންޓަވިއުތަކުގެ ރެކޯޑިންތައް ނުލިބި ޝަރީޢަތް ކުރިއަށް ދިއުމެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް، މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަދީމް ނިންމެވީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި މަޑުޖައްސާލުމަށާއި، ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވާ ސީޑީތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.
ޔާމީންގެ މައްޗަށް ކުރިން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާޠިލުކޮށް މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އެންގި ތާ ހަތަރު މަސް ފަހުން މި ޝަރީޢަތް ފަށާފައިވަނީ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްގެންނެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނަޢީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމްވެސް ބާޠިލުކޮށް އަލުން ބެލުމަށް ހައި ކޯޓުން އަންގާފައިވީ ނަމަވެސް، އެ މައްސަލައިގެ ޝަރީޢަތް އަދި ނުފަށައެވެ.