ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އައު ދައުރެއް ފެށިގެންދާ ކަމަށް ވެރިކަންކުރާ މައިޕާޓީ، ޕީއެންސީން ބުނެފިއެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނުގައި، ރައީސް މުއިއްޒުގެ އިސްލާހީ އެޖެންޑާއާއި އަޚްލާޤީ މިންގަނޑުތަކުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ގިނަ ޕާޓީގެ ސިޔާސީ ނިޒާމު ތަޢާރަފުވި ފަހުން 16 އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ގެންނަންޖެހޭ ގިނަ ބަދަލުތަކެއް ނުގެނެވި ހުރިކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، މި މުހިންމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރެއްވުމާއި، ބޮޑެތި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ހަމަޖެއްސެވުން ހިމެނެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ރައީސް މުއިއްޒު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ހަރުދަނާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. މިގޮތުން ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށާއި، ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާ އެއްގޮތަށްކަން ޔަޤީންކުރެއްވުމަށް "މޯލްޑިވްސް ފަސްޓް" ސިޔާސަތު ތަޢާރަފުކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑިޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވައި، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރައްވާފައިވާ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި މި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ސިޔާސީ ނިޒާމުގައި އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފްރަތު ނައްތާލުމަށް މަސައްކަތްކުރައްވަމުންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ނިންމާލަމުން ބުނެފައިވަނީ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ދައުލަތް ހިންގުމަށް ގެންނަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވާ އަޚްލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދަނީ ޑިމޮކްރަސީގެ އައު ބާބެއް ކަމަށެވެ.