މި މަހުގެ 9 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން ފަހު، ހ. ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ނިމި، އެ ސަރަހައްދު ސާފުކޮށް ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޑިޕާޓްމަންޓުންނެވެ.
އަލިފާނުގެ ހާދިސާގައި މުޅިން އަނދާ ހުލިވި ދޫހިމެރިގޭގައި ދިރިއުޅުނު 15 ބިދޭސީންނަށާއި، އިންވެގެން ހުރި ގެތަކުގެ ބައެއް ޢާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނެވެ.
މިހާރު އެ ފަރާތްތަކުގެ ދާއިމީ ހިޔާވަހިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވިނަމަވެސް، ދުމުގެ އަސަރުކޮށްގެން 2 ބިދޭސީންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ. މަސައްކަތް ނިމުމާއެކު، ދޫހިމެރިމަގު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.