ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިފަދައިން ޑރ. ޝަފީޢު ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2022-2023″ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ އޯލެވެލް އަދި އޭލެވެލްއިން ފާސްވާކުދިންގެ އަދަދު އިތުރުކުރަން ބޭނުންވާނަމަ، ޕްރައިމަރީ ގްރޭޑްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން، ހަރަދުކުރެވޭ ފައިސާގެ އަދަދު ސެކަންޑަރީ ގްރޭޑްތަކަށް ވުރެ މަދުކަމަށާއި، ޒަމާނުއްސުރެ ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކޮންޓެކްސްޓްގައި ހެދިފައި ހުރި ދިރާސާތަކަށް ބަލާއިރުގައިވެސް ދަރިވަރުންގެ ސެކަންޑަރީ އެޓެއިންމަންޓަށް، އެންމެ ބޮޑު އަސަރެއް ކުރާ ކަމަކީ ދަރިވަރުންގެ ޕްރައިމަރީ ނަތީޖާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. އަދި ގައުމު އާރާސްތުކުރުމުގައި އެންމެ މުހިންމު ކަމެއް ކުރެވޭނީ ހަގީގަތުގައިވެސް ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށްގެންކަމަށާއި، މިއީ އެންމެން އެކީ އެކުގައި ކުރަންޖެހޭ މަސައްކަތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.