މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

Author
ހުސައިން
12 ސެޕްޓެމްބަރ 2024 12:31
0

ނޫސްވެރިންނަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ. ނޫސްވެރިންނަށް ސަރުކާރުން ކުރާ ފުރައްސާރަ ހުއްޓާލުމަށް އެމްޑީޕީން ގޮވާލާފައިވަނީ "އަދަދު އޮންލައިން" ގައި ޝާއިޢުކުރެވުނު ޚަބަރަކާ ގުޅިގެން ސަރުކާރުން އެ ނޫހަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

އެ ޚަބަރުގައި ބުނެފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުންދާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށާއި، މި ޙައްޤުގެ ބޭނުންހިފައިގެން ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ބިރުދެއްކުމަކީ ހުދުމުޚްތާރު ވެރިކަމަކަށް މަގުފަހިކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމަކީ ޑިމޮކްރަސީގެ މުހިންމު ތަނބެއްކަމަށް ފާހަގަކޮށް، ސަރުކާރުގެ ނޭއްގާނީ ޢަމަލުތަކުގެ ޚަބަރު ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ އެފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް އެމްޑީޕީން ދެކޭކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވަނީ ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.