ދިވެހި ގައުމީ އަންހެން ވޮލީ ޓީމުން މިރޭ ދެއްކި ހިތްވަރާމެދު ފަހުރުވެރިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުޅުނު ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕުގެ ފައިނަލުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ބަލިވި ނަމަވެސް، ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާ ކަމަށާއި މި މެޗުގައި ރާއްޖޭގެ ޓީމުގެ އަޒުމަށް ފަހުރުވެރިވެލައްވާ ކަމަށެވެ.
ސެންޓްރަލް އޭޝިއާ ވޮލީބޯލް ޗެލެންޖު ކަޕުގެ ފައިނަލުގައި ރާއްޖެ އާއި ކިރްގިސްތާނު ވާދަކުރި މެޗު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 2-3 ސެޓުންނެވެ.
މި މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓިމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުން ބަލިވި ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ރާއްޖޭގެ ޓީމުން ވަނީ ހިތްވަރު ކޮށްފައެވެ. މެޗުގެ ފުރަތަމަ އަދި ތިންވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ އަދި ހަތަރުވަނަ ސެޓު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ކިރްގިސްތާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން އަފްގާނިސްތާނު ބަލިކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. އަދި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 1-3 ސެޓުންނެވެ.
ނަމަވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކިރްގިސްތާނު އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދާފައިވަނީ ރޭންކުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީ ފައިނަލްގައި ރާއްޖެއިން ތަޖިކިސްތާނު ބަލިކޮށްފައިވަނީ 1-3 ސެޓުންނެވެ.