ބަންކަރިންގެ ޚިދުމަތްދޭ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ބަންކަރިންގެ ޚިދުމަތްދޭ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

Author
ހުސައިން
09 ސެޕްޓެމްބަރ 2024 09:30
0

ބަންކަރިންގެ ޚިދުމަތްދޭ ފުރަތަމަ ބޯޓު، "މެރިން އޭންޖަލް" މިހާރު ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފިއެވެ. އަދި ދެވަނަ ބޯޓު "މެރިން ބެލާ" ވެސް އަވަހަށް ރާއްޖޭގައި ބަނދަރުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ.

ބަންކަރިންގ ޚިދުމަތަކީ ކަނޑު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެއް ކަމަށާއި، ބޯޓުފަހަރު އާންމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި މިފަދަ ޚިދުމަތެއް ފެށުމަކީ ރަނގަޅު ފައިދާއެއް ލިބޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުފަހަރު އާންމުކޮށް ދަތުރުކުރާ ހިސާބަކަށްވުމާއެކު، ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށުމަކީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިޕިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، ނަމަވެސް ބަންކަރިންގ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާޢަތެއް އުފެދޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.