ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި، ރައީސް ސާބިތު އެކޮށް ދެއްވަނީ އެމަނިކުފާނު އަބަދުވެސް ދަމަހައްޓަވާނީ ޕްރޯ މޯލްޑިވްސް ސިޔާސަތުކަން ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދޫގައި މިއަދު ބޭއްވުނު އަތޮޅު ފެންވަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ގައުމީ އެޖެންޑާގެ އެންމެ މުހިންމު އެއް އަމާޒަކީ ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމާއި ގާނޫނު މުގުރުމަށް ފުރުސަތު ނުދިނުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އަމާންކަމާއި މަސަލަސްކަން ޔަގީންކޮށްދިނުމާއި އާމްދަނީ އިތުރުކުރުމަށް އައު ސިނާއަތްތައް ތަޢާރަފުކުރުމަކީވެސް ރައީސްގެ ގައުމީ އެޖެންޑާގައި ހިމެނޭ ކަންކަން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމެއް ބިނާކުރުމަކީ ރައީސްގެ އަމާޒެއް ކަމަށާއި، ރައީސް އަބަދުވެސް ދަމަހައްޓަވާނީ ދިވެހިންނަށް އިސްކަންދޭ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ގައުމަކާ ގުޅުން ބަދަހިކުރުމަކީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ނަގައި ސަލާމަތްކުރުމަށް ރައީސް މުއިއްޒު ގަދައަޅައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމާއި ރައްޔިތުންނާ މެދު އޮތް ލޯތްބަށް ހެކިވެވަޑައިގަންނަވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.