އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި

އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2024 03:20
0

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލައިގައި ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އަދި މާދަމާ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަތުހަރު ދަންޖެހުނު ސަބަބު ހޯދަން ފުލުހުންގެ ތަހުގީގެއް ވަނީ ފަށައިފައެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އަތުހަރު ދަން ޖެހިފައި ހުއްޓާ ފެނުނީ ސެޕްޓެމްބަރު 1 ގައި އިރުއޮއްސި 19:02 ގައެވެ.

ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި އިރު، އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިންގައި ބުނެފައިވެއެވެ. އޭގެ އަށް މިނެޓު ފަހުން އަތުހަރު ލޯންޗެއްގައި މާލެ ގެނެސްފައިވެއެވެ. މާލެ ގެނެސް،19:17 ގައި އެމްބިއުލާންސަށް އަރުވައި 19:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެއެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައެވެ. އެ ދެބަސްވުން ހިނގައިގެން އުޅޭ ކަން ފުލުހުންނަށް އެންގީ އެ ގޭގައި އުޅޭ އެހެން ބައެކެވެ. ފުލުހުން އެ ގެއަށް އައުމާ އެކު މައްސަލަ އިތުރަށް ގޯސްވިއެވެ. ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ވެސް ދިނެވެ.

ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އަހުތަރު ހައްޔަރު ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ވެސް ފަރުވާ ހޯދިއެވެ. އަދި އޭނާ ދެ ހޮސްޕިޓަލުން ވެސް ދޫކޮށްލީ ހެދި ޓެސްޓުތަކުން ސީރިއަސް މައްސަލައެއް ފާހަގަ ނުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.