މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ދިވެހި ގައުމަށް އިސްކަން ދިނުމުގެ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާސިލްވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް ނާއިބު ރައީސް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ، "މިއަދު އަޅުގަނޑުމެން ދިވެހީން އެއް ރޫހެއްގައި އަތާއަތްގުޅައި އަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް" ކަމަށެވެ. ބޮޑުތަކުރުފާނު ފަދަ ބަތަލުންގެ ހިންމަތުން އިބްރަތް ހާސިލްކޮށް، މި ގައުމުގެ ހައްގުގައި ޖިހާދު ކުރާނެ ހިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ވެސް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.
ވީޑިއޯ މެސެޖު ނިންމަވާލައްވަމުން، ނާއިބު ރައީސް ވަނީ ގައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ގައުމުދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ގައުމަށް ހިދުމަތް ކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ވެސް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ