މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅުވާލުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްއެފްއެމްސީ ބީސީއާ ގުޅުވާލުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތަކެއް ކުރެވިގެން ދިޔައިރު މިކަން ކުރާނެ ގޮތްތައް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށާއި އޭގެތެރެއިން އެންމެ ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ މަޝްވަރާ ކުރެވުނު ކަމަށެވެ.
ސައީދު ވިދާޅުވީ އެމްއެފްއެމްސީ ބީސީސީގެ ދަށަށް ބަދަލުކުރި ނަމަވެސް އެމްއެފްއެމްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) މިހާރުވެސް އޮތް ގޮތަށް އެމްއެފްއެމްސީގެ ސަބްސިޑަރީއެއް ގޮތަށް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ސަރުކާރުން އަލަން ނިންމާފައިވާ އަންޑާ ސީ ކޭބަލްއަކީ އޯސީއެމްގެ ވަރަށް ބޮޑު އެސެޓެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ކޭބަލް އެޅުމުގެ މަސައްކަތަކީ މުހިންމު މަސައްކަތަށްވާތީ ރައީސް ޑރ.މުއިއްޒު ނިންމީ އޯސީއެމްއަކީ ރާއްޖޭގެ އިގްތިސާދާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް މުހިންމު މަސައްކަތަކަށް ވާތީ މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދިޔުމަށެވެ. އެމްއެފްއެމްސީ އަކީ އީޖާދީ އަދި އުފެއްދުންތެރި މަސައްކަތްކުރާ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓް ކުރާ ކުންފުންޏެކެވެ. މީގެއިތުރުން އެގްރޯނެޓުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީޒޯން ކޮމްޕެނީގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.