ދިވެހި މުޖުތަމަޢު އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދެވަނަ ބުރު ނިންމައި ސަނަދު ހާސިލްކުރި ޒުވާނުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަަކަފުޅުގައި ވަޒީރު ވިދާޅުވީ، ދިވެހި މުޖުތަމަޢު އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށްކަމަށާއި ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތީ ހެޔޮ ކަންކަމަށް ގޮވައިލައި، ދީނީ މަތިވެރި ޝިޢާރުތައް ފާޅުކުރައްވާ ޚަޠީބުންނަކީ މުޖުތަމަޢަށް ބޭނުންވާ ފަދަ ނަމޫނާ ޒުވާނުންކަމަށެވެ.
މީގެ އިތުރަށް މިއަދު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުން ކުރިއަށް އޮތް ތަނުގައި ކޮންމެ ރޮނގަކުން މަތީ ތަޢުލީމު ހާސިލްކުރިކަމުގައި ވިޔަސް ޚަޠީބުކަން ކުރުމުގައި ކުރިއަށް ދިއުމަށާއި، ޤައުމަށް ފައިދާވާނެ ފަދަ ޒުވާނަކަށްވާން ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ޒުވާން ޚަޠީބުން ޕްރޮގުރާމް ނިންމައި 300އަށް ވުރެ ގިނަ ޒުވާނުން މިހާރު ވަނީ ސަނަދު ހާސިލްކޮށްފައެވެ.