ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހިނގި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ޔާމީން އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފެއްދެވުމާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަބުދުއްރަހީމަށް ފާޑު ވިދާޅުވެއްޖެއެވެ. އަބުދުއްރަހީމްގެ ވާހަކަފުޅާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ މިއީ އެފަދަ ހަމަލާތައް ރާވާ ފަރާތްތަކަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.
އަބްދުއްރަހީމް ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއާއި ގުޅޭގޮތުން ސުވާލު އުފައްދަވާފައިވާއިރު، އުމަރު ނަސީރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މިއީ ދައުލަތުގެ އިސް މަޤާމެއްގައި ހުންނަވާ ބޭފުޅަކު ދައްކަވަންޖެހޭނެ ފެންވަރުގެ ވާހަކަފުޅެއް ނޫން ކަމަށެވެ. އުމަރު މި އަމަލު ސިފަކުރައްވާފައިވަނީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ އާދައިގެ އެކްޓިވިސްޓެއް ކަންމަތީ ސައި ހޮޓަލެއްގައި އިނދެ މިފަދަ ވާހަކައެއް ސިޔާސީގޮތުން ދެއްކުމަކީ ތަފާތު ކަމެއް ނަމަވެސް، އަބްދުއްރަހީމް ފަދަ ބޭފުޅަކު މަތީ މަޤާމެއްގައި ހުންނަވައިގެން މިފަދަ ވާހަކައެއް ދެއްކެވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިންއިރު، އެއީ "ކުޅޭކުޅޭ" ކަމެއް ނޫން ކަމަށް ވެސް އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ މިއީ ފުލުހުން ސީރިއަސްކަމާއެކު ބަލައި، ބައެއްގެ މައްޗަށް ދަޢުވާކޮށް ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ. އެފަދަ ވާހަކަތަކެއް ދެއްކުމަކީ އެކަންކަން ރާވާނެ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވިދާޅުވެފައިވަނީ އޭރު އެ އޭނާއަކީ ސަރުކާރުގައި ހުންނެވި މީހެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އޭރު ޔާމީން ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މައްޗަށް އިތުބާރު ކޮށްގެން މަޖިލިސް މެންބަރުން ތިއްބެވީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު ރައީސް ޔާމީން ކަންކުރައްވާ ގޮތާއި ދައްކަވަމުންދާ ވާހަކަފުޅުތަކުން އޭރުގައި ދެއްކެވި ވާހަކަފުޅުތަކާ މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ފިނިފެންމާ މައްސަލައިގައި ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސިފައިންގެ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ)އާއި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ދެ ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.
އަދި މި މައްސަލައިގައި އަލުން މީހެއްގެ މައްޗަށް ދަޢުވާ އުފުލުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ މެއި މަހު ވަނީ ބުނެފައެވެ.