ބޭންކުގެ ބޯޑުގައި ތިބެންވާނީ ބޭންކިންގ ދާއިރާގެ މާހިރުން، ސިޔާސީ މީހުންނެއް ނޫން: ޔާމިން

ބޭންކުގެ ބޯޑުގައި ތިބެންވާނީ ބޭންކިންގ ދާއިރާގެ މާހިރުން، ސިޔާސީ މީހުންނެއް ނޫން: ޔާމިން

Author
ޙަސަން މުޙައްމަދު
27 އޮގަސްޓް 2024 11:51
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ބޭނުންވަނީ ބޭންކިންގ ދާއިރާގެ މާހިރުންކަމަށާއި ސިޔާސީ މީހުން ނޫން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވުނު ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޑޮލަރުގެ ދަތިކަމުގައި ބީއެމްއެލް ކުށްވެރިވަނީ "ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް އެންގެވި ނަމަވެސް ޑޮލަރުގެ އަގު ތިރިކުރަން ނުކުޅެދުނު" ކަމަށެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ ބީއެމްއެލްއިން ބޭރު މުޢާމަލާތްތަކުގެ ކާޑު ލިމިޓް ބަދަލުކުރުމަށް ނިންމި ނިންމުން ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ވެރިކަން ވައްޓާލަން މަސައްކަތްކޮށްފައިވޭތޯ ބަލަމުންދާ ކަމަށެވެ.

ހޯމަ ދުވަހުގެ ރެލީގައި ޔާމީން ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބީއެމްއެލްގައި ގިނަ އަދަދެއްގެ ދިވެހި ފައިސާ ހުރި ނަމަވެސް ޑޮލަރު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްއަށް ޑޮލަރު ލިބޭ އާމްދަނީއެއް ނެތުމުން، ދިވެހި ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޑޮލަރު ގަންނަން މަޖުބޫރުވާ ކަމަށެވެ.

"އެހެންވީމާ މިކަމުގައި ކުށްވެރިވަނީ ކާކު؟ ބޭންކް އޮފް މޯލްޑިވްސްތަ؟ އެމްއެމްއޭތަ؟ އެމްއެމްއޭ ދެއްތޯ؟ އެހެންވީމާ ސީޕީ [ކޮމިޝަނަރ އޮފް ޕޮލިސް] ބަލަންވީ މިއީ ބޭންކް އޮފް މޯލްޑިވްސްގެ މައްސަލައެއްތޯ،" ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކޯޕަރޭޓް ގަވަރނަންސް ކޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ބީއެމްއެލްއަށް ސީދާ ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނުދޭ ކަމަށެވެ. ޔާމިން ވިދާޅުވީ ބޭންކުން ބޭނުންވާ ނިންމުންތައް ތަންފީޒުކުރަން ވާނީ ބޭންކުގެ ބޯޑު ނުވަތަ މާލީ ވުޒާރާ މެދުވެރިކޮށް އަންގަވައިގެން ކަމަށެވެ.

ޔާމިން އިތުރަށް ވިދާޅުވީ ސިޔާސީ މީހުން ބީއެމްއެލްގެ ބޯޑަށް އައްޔަންކުރާ ދުވަހަކީ، އެ ބޭންކުގައި ފައިސާ ބަހައްޓާ މީހުން ވިސްނަން ޖެހޭނެ ދުވަހެއް ކަމަށެވެ.

ޔާމީން ވިދާޅުވީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޭންކުތައް ރެގިއުލޭޓްކުރުމުގެ ޒިންމާ އެމްއެމްއޭއިން އަދާކުރަމުންދާއިރު، އެތެރޭގެ ހުރިހާ ކަމެއް ނިންމަންވާނީ ބޯޑުން ކަމަށެވެ.

"އެހެންވީމާ، ބޯޑު މެންބަރުންނަކީ އަމިއްލައަށް ރެގިއުލޭޓްކޮށް އަމިއްލައަށް ގަވަރނަންސް ބަލަހައްޓާ ފަރާތްތައް. ބޯޑަށް އައްޔަންކުރާ މީހުންނަކީ އެ ދާއިރާގެ މާހިރުންނާއި އިތުބާރު ހުރި މީހުން ކަމުގައި ވާންޖެހޭނެ. އެތަނަށް ސިޔާސީ މީހުން ބޭނުމެއް ނުވޭ" ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސިޔާސީ މީހުން ބީއެމްއެލްގެ ބޯޑަށް އައްޔަންކުރާ ހިސާބަކީ މީހުން ބޭންކަށް އޮންނަ އިތުބާރު ގެއްލޭ ހިސާބު ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވުމަކީ ހިތާމަހުރި ކަމެއް ކަމުގައިވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލްއިން ވަނީ މިހާރު ބޭނުންކުރަމުންދާ ޑެބިޓް ކާޑުތަކާއި، އަލަށް ހަދާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ބޭރު މުޢާމަލާތްތައް ކުރުން ހުއްޓާލާފައެވެ. އަދި ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓް 100 ޑޮލަރަށް ދަށްކޮށްފައެވެ.

ނަމަވެސް މި ނިންމުން ވަނީ ގަޑިއިރުތަކެއްގެ ތެރޭގައި އަނބުރާ ގެނެސްފައެވެ. ބޭންކުން ބުނީ މިއީ ރެގިއުލޭޓަރު ކަމުގައިވާ އެމްއެމްއޭގެ އިރުޝާދުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.