މިއީ މަރުގެ މެޗެއް، ލީގުހޯދަން ބޭނުންނަމަ މޮޅުވާންޖެހޭ: މޯހަން

މިއީ މަރުގެ މެޗެއް، ލީގުހޯދަން ބޭނުންނަމަ މޮޅުވާންޖެހޭ: މޯހަން

Author
އިބްރާހީމް ސާޢިދު
25 ޑިސެމްބަރ 2020 12:17
0

ކްލަބް އީގަލްސް އިން ލީގު ހޯދަން ބޭނުންނަމަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗަކީ މަރުގެ މެޗަކަށް ވާނެ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މޯހަން ބުނީ މެޗު ނަގަން ޖެހޭނީ ވަރަށް ސީރިއަސްކޮށް ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާ އެކު މެޗުން މޮޅުވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. މޯހަން ބުނީ މިއަދު ބަލިވެއްޖެނަމަ އެއާ އެކީ މިދިޔަ ސީޒަނުގައި ޖުމްލަ އެއްކޮށް ބަލިވި އަދަދަށް ވުރެ ގިނަ މެޗު ގެއްލުނީ ކަމަށެވެ. އަދި ރާއްޖޭގެ ލީގު މިދިޔަ އަހަރުތަކުގައި ގޮސްފައިވާ ގޮތަށް ބަލާއިރު މިހާ ކުރިން ތިން މެޗުން ބަލިވާ ޓީމަކަށް ލީގު ހޯދުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އޭނާ ބުނެފައިވެއެވެ.

ދެ މެޗެއް ވަރު ބަލިވެއްޖެކަމަށް ވެއްޖިއްޔާ ދެން ހަމަ ގިނަ ފަަހަރަށް މި އިންނަނީ ލީގު ކާމިޔާބު ނުކުރެވޭ ވަރުވެފަ. އެ ގޮތަށް ބަލާއިރު މި މެޗުން ބަލިވެއްޖިއްޔާ އަޅުގަނޑުމެން ތިން ބަލިވާނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ (އެވަރުން) ލީގު ލިބޭނެ ކަމަކަށް.

– މޯހަން ބުނެފައިވެއެވެ.

ކަކުލަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވުމަށް އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ރަނގަޅުވާން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅުކަން މޯހަން ވަނީ ފާހަގަކޮށްފަ އެވެ އީގަލްސްގެ އަނިޔާގައި ތިބި އެހެން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) މި މެޗުން ވެސް ފެންނާނެ ކަމަށް މޯހަން ވަނީ ބުނެފައެވެ.

ދަ ގްރާންޑޭގެ ފުރަަތަމަ ދެ މެޗުގެ ކުޅުމަށް ބަލާއިރު އެ ޓީމު ފެންނަނީ ވަރަށް ރަނގަޅަށް ކުޅެގެން ނަތީޖާ ނެރޭ ޓީމެއްގެ ގޮތުގައި ކަމަށް މޯހަން ފާހަގަކުރި އެވެ. އީގަލްސްގެ ހާލަތުގެ ގޮތުން މި މެޗުގައި ކުޅެން ޖެހޭނީ ވަރަށް ފަރުވާތެރިވެގެން ކަމަށާއި ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިދޭ ކަމަށް މޯހަން ބުނެފައިވެއެވެ.

ބަލިވެއްޖިއްޔެކަމަށް ވެއްޖިއްޔާ ލީގަށް ވާދަކުރުމަށް ފުރުސަތު ދިޔައީއޭ ބުންޏަކަސް ގޯހަކަށް ނުވާނެ. އެކަން ކުޅުންތެރިންނަށް އިނގޭ. އެ ހުރިހާ ގޮތަކަށް ވެސް ކުޅުންތެރިން މެންޓަލީ ވެސް ކުޅުންތެރިން ތައްޔާރުވެފައި ތިބި މެޗަކަށް ވެގެންދާނެ.

– މޯހަން ވަނީ ބުނެފައެވެ.

އީގަލްސް އިން ޓީމު ލިސްޓުގައި ޖަހާފައިވާ މޮންޓަނެގްރޯ ގޯލްކީޕަރު މިލާން ޔެލޮވަކް މާލެ އައިސްފައިވީ ނަމަވެސް އޭނާ އަށް މި މެޗުގައި ކުޅެވޭނެ ކަމަށް ނުބެލެވެ އެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ދެ މެޗުން އީގަލްސް ވަނީ ބަލިވެފަ އެވެ. އެ ޓީމު މިދިޔަ ސީޒަނުގައި ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.