ބޯޑުން އާއިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފި

ބޯޑުން އާއިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފި

Author
ޙަސަން މުޙައްމަދު
27 އޮގަސްޓް 2024 10:53
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުން އާއިޝަތު ނޫރައްދީން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ. އާއިޝަތު ނޫރައްދީނަކީ 42 އަހަރު ވަންދެން ބީއެމްއެލްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، 2020 އޮގަސްޓު 31 ގައި ބޯޑަށް އައްޔަންކުރެވުނު އާއިޝަތު ނޫރައްދީންގެ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. މިހާރު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ފުރުއްވާ އާއިޝަތު ނޫރައްދީން، ކުރިންވެސް އެކި ދައުރުތަކުގައި ބޯޑު މެންބަރުކަން ކުރައްވާފައިވެއެވެ.

އާއިޝަތު ނޫރައްދީންގެ މި އިސްތިއުފާ އައިސްފައިވަނީ، މިދިޔަ ހުކުރު ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ ބޯޑުން ވަކިކުރި ކަމަށް އެންގުމަށްފަހުގައެވެ. ނަމަވެސް، ބީއެމްއެލްގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރުމުގެ ޤާނޫނީ ބާރު ޕީސީބީއަކަށް ލިބިގެނެއް ނުވެއެވެ. ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

މީގެ ކުރިން، 2024 ގެ ޖަނަވަރީ މަހުގައިވެސް ޕީސީބީއިން ބީއެމްއެލްގެ ބައެއް ޑިރެކްޓަރުން ވަކިކުރަން އުޅުނެވެ. ނަމަވެސް، އެއީ ޤާނޫނީ ގޮތުން ޕީސީބީއަށް ކުރެވޭނެ ކަމަކަށް ނުވާތީ، ފަހުން އެ ބޭފުޅުން އަލުން އައްޔަންކުރެވުނެވެ. އޭގެފަހުން، އެ ބޭފުޅުން ބޯޑުން ވަކިކުރެވުނީ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކުންނެވެ.

އާއިޝަތު ނޫރައްދީނަކީ ބީއެމްއެލްގައި މިހާރު ދެވަނައަށް އެންމެ ގިނަ ދުވަސްވީ މުވައްޒަފެވެ. އޭނާ ބޭންކާ ގުޅިވަޑައިގަތީ 1982 ވަނަ އަހަރުއެވެ.

އާއިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވާފައިވާއިރު، ބޭންކުގެ ފައިސާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލުމަށް ބޭންކުން ނިންމި ނިންމުމަކާއި ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިން ދަނީ ބޭންކުގެ ނިންމުން އެކޮ ގޮތްގޮތަށް މޭރުންކޮށް، ބޭންކަށް ވަރަށް ބޮޑު ފާޑު ވިދާޅުވަމުންނެވެ.

އަދި ރޭއޮތް ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުންވަނީ ބޭންކުގެ ސީއީއޯގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.