ކުރީ ސަރުކާރުން ގާނޫނާއި ހިލާފަށް ދީފައި ހުރި ހުރިހާ ބަދަލުތައް ކެންސަލް ކުރާނަން: އުޝާމް

ކުރީ ސަރުކާރުން ގާނޫނާއި ހިލާފަށް ދީފައި ހުރި ހުރިހާ ބަދަލުތައް ކެންސަލް ކުރާނަން: އުޝާމް

ގުޅުންހުރި

މިދިޔަ ސަރުކާރުން ޤާނޫނާ ޚިލާފަށް ގިނަ ފަރާތްތަކަކަށް ބަދަލު ދީފައިވާކަމަށާއި އެފަދަ ހުރިހާ ބަދަލުތައް ކެންސަލް ކުރާނެ ކަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ރަށްތަކާއި ފަޅުތައްވެސް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި، 2019 ގައި ބަންޑާރަނައިބު އޮފީހުގައި ކޮމިޓީއެއް އުފައްދައިގެން ބަދަލު ދޭން ފެށި ނަމަވެސް، ފަހުން ރައީސް އޮފީހުގައި ކޮމިޓީއެއް އުފައްދައިގެން 10 ފަރާތަކަށް ބަދަލު ދީފައިވެއެވެ. މީގެ ތެރޭގައި ފައިސާގެ ބަދަލުގެ އިތުރުން ރިސޯޓު، ފަޅު، އަދި ބައެއް ހާލަތްތަކުގައި ކުލި އަދި ޓެކްސް ސެޓްއޮފްކޮށްގެން ބަދަލު ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވެރިކަން ބަދަލުވަމުންދިޔަ މަރުހަލާގައި، އެ ކޮމިޓީއަށްވެސް ހުށަނާޅާ ގިނަ ފަރާތްތަކަކަށް ބަދަލު ދީފައިވާކަން ފާހަގަކުރެވިފައިވޭ،" އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބު އޮފީހުން މި މައްސަލަތައް ބެލުމަށް ޚާއްޞަ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ޤާނޫނާ ޚިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"ޤާނޫނާ ޚިލާފަށް ދީފައިވާ ހުރިހާ ބަދަލުތަކެއް ބާޠިލުކުރާނަން. ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލައެއް އޮތްނަމަ އެގޮތަށް ކުރިއަށްގެންދާނަން. ޤާނޫނާއި ގަވާއިދާ ޚިލާފަށް ދައުލަތުގެ މުދާ އެއްވެސް ފަރާތަކަށް ދީފައިވާނަމަ، އެ އެއްބަސްވުންތައް ބާޠިލުކުރެވޭނެ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ މިހާރު މި މަސައްކަތްތައް ނިންމާލުމުގެ މަރުޙަލާގައި ކަމަށާއި، ވީހާވެސް އަވަހަކަށް ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހަޅައި، ޝަރީޢަތަށް ހުށަނާޅާ ބާޠިލުކުރެވޭނެ އެއްބަސްވުންތައް ބާޠިލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ