ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިއްޔެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި ވާހަކަ އިތުރަށް މިއަދު ސާފުކޮށް ދެއްވައިފިއެވެ.
އިއްޔެ އެކްސްގައި ނައިބުރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިފައިވާ ކަމެއްކަމަށެވެ. އެއީ ދުނިޔޭގެ އާދަކަމަށާއި، ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި އުފާވެރިކަން މާ ރަނގަޅުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކުމަށްވެސް އެކްސްޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސްގެ މި މެސެޖާއި ގުޅިގެން ގިނަ ބަޔަކު އެކި ގޮތްގޮތަށް މެސެޖު މާނަކޮށްފައި ވެއެވެ. އަދި ބައެއް ފަރާތްތަކުން ނައިބު ރައީސްގެ މި މެސެޖަކީ ސީދާ ރައީސް މުއިއްޒުއަށް ރައްދުކުރި މެސެއްކަމަށްވެސް މޭރުންކޮށް ވާހަކަ ދައްކާފައި ވެއެވެ.
އިއްޔެގެސް އެކްސް ޕޯސްޓުގައި ވިދާޅުވީ ވާހަކަ އިތުރަށް ސާފުކޮށް ދިނުމަށް މިއަދު ނައިބުރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، އިއްޔެގެ މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި މެސެޖެއްކަމުގައެވެ.
އެގޮތުން، ދައުލަތުގެ ވެރިންނާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ކަނޑައަޅާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަންޖެހޭ ބޭފުޅުންކަމަށާއި، އެ މުއްދަތު ހަމަވުމުން އެކަމަށް އިހުތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުޑަކޮށް، ގޮންޖެހުންކަމުގައި ގަބޫލުކުރައްވާކަމަށް މިއަދުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އަދި މިފަދަ ބޭފުޅުން ކުރިއަށް އޮތްތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ނައިބުރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ