ބުޅާ މަހުގެ ގޮތުގައި ކެއުން ވިއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ފުލުހުންގެ ތަޙްޤީޤު ނިމެންދެން، 32 އަހަރުގެ އެމްޑީ ޢަރަފާތް ޙުސައިން ޤައުމުން ނުފޮނުވާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ހެލްތު މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ ބައިވެރިވުމާއެކު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޙްސާން ވިދާޅުވީ، ބުޅާ މަސް ވިއްކުމާ ގުޅޭ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ. ނަމަވެސް، ޢަރަފާތްގެ ގޭގައި ބުޅާ ބަހައްޓާފައި ހުރި ކަމަށް ޝައްކުކުރެވިގެން މައްސަލައެއް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ނަމަވެސް، ފުލުހުން އެ މައްސަލަ ތަޙްޤީޤު ކުރަމުން އެބަދޭ. މިހާރު އޭނާ ހުރީ ވިސާ ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން އިމިގްރޭޝަންގެ ބަންދުގައި. ނަމަވެސް، ފުލުހުންގެ ތަޙްޤީޤު ނިމެންދެން އޭނާ ޤައުމުން ނުފޮނުވާނަން،" އިޙްސާން ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ، ޢަރަފާތް ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކާފައިވާ ކަމުގެ މަޢުލޫމާތު ތަޙްޤީޤަށް ލިބިއްޖެނަމަ، އެކަން ޢާންމުކޮށް އިޢުލާން ކުރާނެ ކަމަށެވެ. މިހާތަނަށް ފުލުހުންގެ ތަޙްޤީޤަށް އެފަދަ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޢަރަފާތް ބުޅާ މަހުން ކާނާ ތައްޔާރުކޮށްފައިވާކަން އަދި މިނިސްޓްރީއަށް ޔަޤީން ނުކުރެވޭ ކަމަށެވެ. އެކަން ޔަޤީންކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުޅަލެއް މަރައި، އޭގެ މަސް ވިއްކުމުގެ ތުހުމަތުގައި އަންގާރަ ދުވަހު ޢަރަފާތް ހައްޔަރުކޮށް، މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވެއެވެ.
ޢަރަފާތްއަކީ އެކި ފިހާރަތަކުގައި އެކި ބާވަތްތަކުގެ ސަބްމެރިންއާއި ބަރގަރ ވިއްކަމުން އައި މީހެކެވެ. ގިނަ ބަޔަކު ތުހުމަތު ކުރަނީ އެއީ ބުޅާ މަސް އެކުލެވޭ އެއްޗެހި ކަމަށެވެ.
ކޮމެންޓު ފޮނުވާ