ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހެލިކޮޕްޓަރ ޚިދުމަތް ދޭން ބިޑް ހުށަހަޅައިފި

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހެލިކޮޕްޓަރ ޚިދުމަތް ދޭން ބިޑް ހުށަހަޅައިފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) އިން ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހަޅައިފިއެވެ. މިމަހު 5 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޓަކައި އެ ޚިދުމަތް ފޯރުކޮށްދޭން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން ބިޑަށް ހުޅުވާލުމުން އެކުންފުނިން ވެސް ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ، ދުބާއީގެ ބޮޑު ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް 20 އަހަރަށް ހެލިކޮޕްޓާ އޮޕަރޭޓް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށާއި، ދުބާއީގެ ކުންފުންޏަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅީ ބިޑެއް ކަމަށެވެ. އެގޮތުން އާރުއޭސީއެލުން ޝައުގުވެރިކަން ފާޅުކުރި ފަދައިން ދުބާއީގެ ކުންފުންޏަކުން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފުޅާވެގެން ދިޔުމުން ރާއްޖެއަށް އިތުރު ފޮރިންް އިންވެސްޓުމެންޓު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން 100 ހައިބްރިޑް ވާޓިޕޯޓް ގާއިމް ކުރާނެ ކަމަށާއި 500 ޑްރޯން ޕޯޓު ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އިއުލާންގައިވާ ގޮތުން އެ ހިދުމަތް ރާއްޖޭގައި ދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވާނެއެވެ. އަދި ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރ ޓްރާންސްޕޯޓް ތައާރަފް ކުރަން ޖެހޭނެއެވެ. މި ބިޑް ކާމިޔާބުކުރާ ފަރާތަކަށް ރާއްޖޭގައި 10 އަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *