ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާ ކޯވިޑް19ގެ އާ ސްޓްރެއިން (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) ނައިޖީރިއާއިން ވެސް ފެނިއްޖެ ކަމަށް އެފްރިކާ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ހާމަ ކޮށްފިއެވެ.
ނައިޖީރިއާއިން ކޯވިޑް19ގެ މުޅިން އާ ސްޓެރެއިންއެއް ފެނުނުކަން ހާމަކޮށްފައިމިވަނީ، މިހަފްތާހައި، އަސްލު ވައިރަހަށްވުރެ މާ ފަސޭހައިން ގައިން ގަޔަށ ފެތުރޭ، ކޯވިޑް19ގެ މުޅިން އާ ދެވައްތަރެއް އިގިރޭސިވިލާތުންނާއި އަދި ދެކުނު އެފްރިކާއިން ފެނިގެން ގޮސްފައިވަނިކޮށެވެ. މި ދެގައުމުން މުޅިން އާ ސްޓްރެއިންއެއް ފެނިގެން ދިއުމާގުޅިން، ދުނިޔޭގެ އެތައް ގައުމަމުން ވަނީ، މިދެގައުމަށް ދަތުރުފަތުރު ކުރުން ހުއްޓާލާ، އަދި ބޯޑަރުތައްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.
ނައިޖީރިއާއިން ފެނިގެނެ މިދިޔަ އާ ސްޓްރެރިން ނައިޖީރިއާއިން ފެނިފައިވާކަމަށް، އެފްރިކާގެ ސިއްޙަތާބެހޭ ޖަމްއިއްޔާއިން އިއުލާން ކުރުމާގިޅިގެން، މިޖަމްއިއްޔާގެ ރައީސް ވިދާޅުވެފައިވަނީ، މިފެނުނު އާ ސްޓްރެއިންއާބެހޭ އިތުރު ތަހުލީލުތައް ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"މިފަހަރު މިފެނުނު އާވައްތަރަކީ، އިގިރޭސިވިލާތް އަދި ދެނުކު އެފްރިކާއިން ފެނުނު ވައްތަރުގެ އިތުރު ލައިނޭޖެއް (ވައިރަހުގެ އެއް އާއިލާއަކަށް ނިސްބަތްވާ އެހެންނަމަވެސް، ތަފާތު ސިފަތަކެއްގެ މައްޗަށް އެކުލެވޭ ނަކަލެއް)،" އެފްރިކަން ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ވެރިޔާ ޖޯން ނެންގަސޮން މިއަދު ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ނެންގަސޮން ވިދާޅުވި ގޮތުގައި، ނައިޖީރިއާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އިންނާ، އެފްރިކާގެ އެންމެ މަގުބޫލު ސިއްޙީ އިދާރާ ކަމުގައިވާ، އެފްރިކަން ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (Africa CDC) އިން، އަލަށް މިފެނުނު ކޯވިޑް19 ބަލި ޖައްސާ ވައިރަހުގެ އާ ސްޓްރެއިންއާ ގުޅުންހުރި އިތުރު ތަހުލީލުތައް ކުރަމުންދާނެ ކަމަށެވެ.
"އަަހަރުމެންނަށް ކުޑަ ވަގުތުކޮޅެއް ދީ…އަދި މިއީ ވަރަށް ކުރީގެ މަރުހަލާއެއް،" އޭނާ ވިދާޅުވިއެވެ.
ނައިޖީރިއާއިން އަލަށް މިފެނުނު ކޯވިޑް19ގެ އާ ވައްތަރަކީ، ވައިރަހުގެ 3 ޖެނެޓިކް ސީކުއަންސަކާ ގުޅުން ހުރި ވައްތަރަކަށް ވާއިރު، ދެކުނު އެފްރިކާއިން ފާއިތުވެދިޔަ ހަފްތާއިން އާ ސްޓްރެއިން ފެނިގެން ދިއުމާއެކު، އެފްރިކާ ސީޑީސީއިން ވަނީ އެފްރިކާއިން ފެންނަންފެށި ކޯވިޑް19ގެ މިއާ ވައްތަރުތަކާ ގުޅޭގޮތުން އެޖަމްއިއްޔާގެ އިމްޖެންސީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
އެސޯސިއޭޓް ޕްރެސް އޭޖެންސީއަށް ފެނިފައިވާ، މިހާރު ދިރާސާ ކުރެވެމުންދާ ކަރުދާސްތައް ބުނާގޮތުން، އަލަށް ފެނުނު މި ވައްތަރުތައް ފެނިފައިވަނީ، މިއަހަރުގެ އޮގަސްޓް 3 ވަނަ ދުވަހުއާއި އަދި އޮކްޓޯބަރ 9 ވަނަ ދުވަހު ނައިޖީރިއާގެ އޯސަން ސްޓޭޓުން ނެގިފައިވާ 2 ސާމްޕަލަކުންނެވެ.
އިގިރޭސިވިލާތުން ފެނުނު ވައްތަރުތަކާ ޚިލާފަށް، "ނައިޖީރިއާގައި އާދަޔާ ޚިލާފަށް މިވައްތަރުގެ ލައިނޭޖް ފެތުރިގެން ގޮސްފައިވާކަމަށް ނުބެލެވެއެވެ. އަދި ހަމަ އެއާއެކު، ނައިޖީރިއާގައި މިހާރު ކޯވިޑް19 ފެތުރެމުންދާ ދިއުމަކީ، މި ވޭރިންއަންޓް P681Hއާއި ސީދާ ގުޅުންހުރި ހާލަތެއްކަމުގައިވެސް ނުބެލެވެއެވެ. އެހެންނަމަވެސް، ނައިޖީރިއާއިން ފެނުނު ވައްތަރުގައި، އިގިރޭސިވިލާތުން ފެނުނު ވައްތަރާ ތަފާތުތަކެއް ހުރުމުގެ ނަތީޖާއެއްގެ ގޮތުން، ނައިޖީރިއާގައި މިފެނުނު ކޯވިޑް19ގެ އަސަރު ކުރަމުންދާވަރު ދެނެގަތުމުގައި ދަތިތަކެއް ހުރެދާނެއެވެ." މިކަރުދާހުގައި ލިޔެފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާގައި ނައިޖީރިއާގައި ކޯވިޑް19 އެގައުމުގައި ފެތުރެމުންދާ ނިސްބަތް %52 އިތުރުވެފައިވާއިރު، ދެކުނު އެފްރިކާގައި ވަނީ ކޯވިޑް ފެތުރެމުންދާ ނިސްބަތް %40 އިތުރު ވެފައެވެ.
ކޯވިޑް19ގެ އަސްލު ވައިރަހަށް ވުރެވެސް މާ ފަސޭހަކޮށް ގައިންގަޔަށް ފެތުރޭކަމަށް ބެލެވޭ ކޮރޯނާ ވައިރަހުގެ މި ސްޓްރެއިންތައް ފެތުރިދާނެ ކަމުގެ ބިރަށް ދުނިޔޭގެ އެތައްގައުމަކުން ބޯޑަރުތައް ބަންދުކުރަމުން ދާއިރު، މުޅި ދުނިޔޭގެ ފުޑް ޗެއިނަށްވެސް މީގެ ސަސަބުން ވަރަށް ބޮޑު ބުރުލެއް އަރާފާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ކޯވިޑް19ގެ އާ ވައްތަރުތައް އިގިރޭސިވިލާތުގެ އިތުރުން އެހެން ބައެއްމުތަކުންވެސް މިހާރުވަނީ ފެންނަން ފަށާފައިވާ ކަމަށް WHO އިން ފާއިތުވެދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.
ސިއްޙީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ސްޓްރެއިންތަކަކީ، ކޯވިޑް ކާރިސާގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކޯވިޑް19 ޖައްސާ ވައިރަހުގެ ފުރަތަމަ ސްޓްރެއިން އެއް ނޫނެވެ. އެހެންނަމަވެސް، މިފަހަރު އިގިރޭސިވިލާތުން ފެނިގެން ދިޔަ، ކޮރޯނާ ވައިރަހުގެ މި ސްޓްރެއިންއަކީ، އަސްލު ވައިރަހަށްވުރެ %70 އިތުރަށް ފަސޭހަކޮށް، ގައިންގަޔަށް ބަލި ފެތުރުމުގެ ގާބިލްކަން ލިބިގެންވާ، އަސްލު ވައިރަހުގެ ނަމަކެއްކަމުގައި ވެއެވެ.