ކެއްސާތީ ބޭނުންކުރާ ސިރަޕެއް އަނެއްކާވެސް ރާއްޖެ އެތެރެކުރުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
ކެއްސާތީ ބޭނުންކުރަމުންދާ އެލެގްރާ ސިރަޕް، 30 މިލިގްރާމް ނުވަތަ ޖެނެރިކް ނަމުންނަމަ ފެކްސޮފެންޑައިން ހައިޑްރީކްލޮރައިޑް ރާއްޖެ އެތެރެކުރުން މަނާކުރީ މި މަހުގެ ކުރީކޮޅު އެވެ. އެއީ ތިން ބެޗަކުން ކޮލިޓީގެ މައްސަލައަކާ ގުޅިގެން ނެވެ.
އޭގެ ފަހުން މިއަދު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއާއިން އުފައްދާ ކޮފްސީ ސިރަޕް، 100 އެމްއެލްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިމާވެފައި މިވާ މައްސަލަ އެ އޮތޯރިޓީ އިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައެވެ.