މާލޭގައި ހުރި ބާވެފައިވާ އިމާރާތެއް ކަމަށްވާ މއ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓްރީގެ ޕަބްލިކް ވާކްސް ޔުނިޓުން މި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ގިނަ ދުވަސްވަންދެން މީހުން ދިރިނޫޅޭ، އަދި ވެއްޓުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި އިމާރާތް ތަޅާލަން ނިންމީ އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީއެވެ.
އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި މއ. ރަބީއުވިލާ ވަނީ ކުށްކުރާ މީހުން، ޚާއްޞަކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެތަނަށް ވަދެ ހަދާ ތަނަކަށް ވެފައެވެ. މި އަހަރުގެ އޭޕްރީލް މަހު އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ވެސް މި ފަދަ މީހުންގެ ސަބަބުން ހިނގި ކަމެއް ކަމަށް އެ ސަރަހައްދުގެ މީހުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، އިމާރާތަށް އިތުރު ގެއްލުން ލިބުނެވެ.
މީގެ އިތުރުން، މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެ ގޭގެ ތެރެއިން ގެއްލިފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް، ސަރުކާރުން ވަނީ މި އިމާރާތް ތަޅާލުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ