ގްރޭޓާރ މާލޭ އޭރިއާގެ 9 ސަރަޙައްދެއްގައި ނުގަވާއިދުން ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.
އިހްސާން ވިދާޅުވި ގޮތުގައި، ޓޯކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސްކޫލްތަކާއި މިސްކިތްތަކާއި އާންމުން ގިނައިން ވަދެނިކުމެވާ ތަންތަން ހިމެނެއެވެ. މިހާރުވެސް އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި ރަސްމީ ރަޖިސްޓްރޭޝަނެއް ނެތި ފޭކު ނަންބަރު ޖަހާފައިވާ އުޅަނދުތައް ޓޯކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އުޅަނދުތަކުގެ ވެރިފަރާތްތަކަށް 40 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ކަނޑައެޅިފައިވާ ސަރަޙައްދަށް ގެންގޮސް، 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރުމަށް ފުރުޞަތު ދެވިފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. 40 ދުވަސް ފަހުން، މަގުމަތީގައި ނުގަވާއިދުން ބަހައްޓާފައި ހުންނަ އުޅަނދުތައް އަލުން ޓޯކުރަން ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރު ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވަނީ މި 40 ދުވަހުގެ ތެރޭގައި އުޅަނދުތައް ކަނޑައެޅިފައިވާ ސަރަޙައްދަށް ގެންގޮސް، 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށެވެ. ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުން ގަނެފައިވާ އުޅަނދުތައް ގަވާއިދާ އެއްގޮތަށް މަގުމަތީގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް އިހްސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ