ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މާލޭގެ 248 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ. އަދި އިތުރުން، ފަސް އާއިލާއެއްގެ 23 މެންބަރުން އެހެން ގެތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގެ ސަބަބުން އިއްޔެ މާލެ އާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތަކާއި ކުރިމަތިލާން ޖެހިފައެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 10:30 އާ ހަމައަށް މާލޭގެ 256 ގެއަކުން ވަނީ އެހީތެރިކަމަށް އެދިފައެވެ. މީގެ ތެރެއިން 248 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ އެހީތެރިކަން ފޯރުކޮށްދެވުނު އިރު، 12 ގެއެއްގައި ގޭތެރޭގައި ފެންބޮޑުވުމާ ގުޅިގެން އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ދަމަހައްޓާފައެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް، ހެނދުނު 10:00 އިން 14:00 އަށެވެ. މި މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިއްސާރައިގެ ތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 50 މޭލަށް އަރައި، ކަނޑު ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.